ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 08:31
އިދިކޮޅު ފަރާތްތަކުން ގދ. ތިނަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ
އިދިކޮޅު ފަރާތްތަކުން ގދ. ތިނަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ
އިސްމާއިލް ނާއިލް ނަޝީދު
އެމްޑީޕީ ނޫސްބަޔާން
ހުވަދު އަތޮޅު ދެކުނުބުރި އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަން އެމްޑީޕީން ކުށްވެރިކޮށްފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަތޮޅުގެ މިހާރުން މިހާރަށް ކައުންސިލަރުންނާ ހަވާލުކުރުމަށް ބަޔާނުގައި ވަނީ ބުނެފައި

ހުވަދު އަތޮޅު ދެކުނުބުރި އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަން އެމްޑީޕީން ކުށްވެރިކޮށް ބުދަ ދުވަހު ނޫސްބަޔާނެއް ނެރެފިއެވެ.

ނޫސްބަޔާނުގައި ވަނީ އަތޮޅުގޭގައި އެ އަތޮޅު ކައުންސިލަރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާ އެކު ބައްދަލުވުމެއް ބޭއްވުމާ ގުޅިގެން ވަގުތުން ވަގުތަށް އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އެއްވެސް މިންވަރަކަށް އިޙްތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށާއި އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް މިފަދަ ނާތަހުޒީބު ކަންކަމުން ދުރުވުމަށް ހޯމް މިނިސްޓަރަށާއި ސަރުކާރުގެ ވެރިންނަށް ގޮވާލާ ކަމަށެވެ.

އެގޮތަށް އަމަލުކުރުމުން ހާމަވާ ކަމަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް އެއްވެސް މިންވަރަކަށް ބާރު ދިނުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމުގައި ވެސް ބަޔާނުގައިވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ނަޒަރުގައި ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންގެ ޒިންމާއަކީ ރައީސް ޔާމީނަށް ސަނާ ކިޔުމާއި، ސަރުކާރުން ހިންގާ ކޮރަޕްޝަނުގައި ބައިވެރިވެ އެފަދަ ވައްކަން ފޮރުވައި ރައްޔިތުންނަށް ހަރާންކޯރުވުން ކަމުގައެވެ.

ތިނަދޫގައި ހުންނަ ގދ. އަތޮޅުގެއަކީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ބިނާކޮށްފައިވާ ރައްޔިތުންގެ މިލްކެއް ކަމަށާއި އެހެންކަމުން ހުވަދުއަތޮޅުގެ އިންތިޚާބީ މަންދޫބުންގެ ބައްދަލުވުންތަކާއި ރައްޔިތުންގެ ތަރައްޤީއާ ގުޅިފައިވާ ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން ކައުންސިލަރުންނަށް ލިބިދޭން ޖެހޭނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަތޮޅުގެ މިހާރުން މިހާރަށް ކައުންސިލަރުންނާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އިލްތިމާސް ކުރާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ހިތްވަރު ގަދަ ހުވަދޫ ރައްޔިތުންނަށް ބިރު ދައްކައި އެމީހުން އިންތިޚާބުކޮށްފައިވާ މަންދޫބުންނަށް ބިރު ދައްކައިގެން އޮބަހައްޓައިގެން ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް