ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 02:10
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
މުހައްމަދު ފަޒީން
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ރާއްޖޭގެ ޖަޒީރާ ވަންތަކަން ގެއްލުވާލުމަށް ކުރާ މަސައްކަތް ހުއްޓުވާނަން: ހަސަން ލަތީފް
ނުކުމެ މިތިބީ ރައީސް ޔާމީންގެ ތޮއްޖެއްސުމުގެ ސިޔާސަތާ ދެކޮޅަށް
ތޮއްޖެއްސުމުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުން ބިކަވެއްޖެ
އިންތިޚާބު ހޯދުމަށްޓަކައި 2013 ގައި ކަންކަން ހިނގައިދިޔަ ގޮތް ދެނެގަންނަން ޖެހޭ.

ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމަށާއި އެޖަޒީރާ ވަންތަކަން ގެއްލުވާލުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތް ހުއްޓުވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގދ ތިނަދޫގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ މި ޖަޒީރާ ޤައުމުގެ ޖަޒީރާ ވަންތަ ކަމުގެ ސިފަ ގެއްލުވާލުމަށް ރައީސް ޔާމީން އެކުރައްވާ މަސައްކަތް ހުއްޓުވުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި ނުކުމެ ތިބީ ރައީސް ޔާމީންގެ ތޮއްޖެއްސުމުގެ ސިޔާސަތާ ދެކޮޅަށް އަޑު އުފުލަން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ގިނަ ބަޔަކު ހާޒިރުވި މި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ގެންގުޅުއްވާ، މާލެއަށް ޖަމާކޮށް ތޮއްޖެއްސުމުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުން ބިކަވެއްޖެ ކަމަށާއި އަދި ރާވަމުން ދަނީ އިތުރަށް ބިކަކުރުމަށް ކަމަށެވެ.

މާލޭގެ ހާލަތު އޮތްގޮތަށް އިޝާރާތް ކުރައްވައި މިހާރުވެސް ތޮއްޖެހިފައިވާ މާލެއަށް ރައްޔިތުން ގެންނަން ކުރާ މަސައްކަތައް ފާޑު ވިދާޅުވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން އެކުރައްވާ މަސައްކަތަކީ މިރާއްޖެ ފަޅުކޮށް މުޅި ރާއްޖެ ވިއްކާލުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީ އޮވެގެން އުފެދޭ ސަރުކާރަކުން އަޅުގަނޑުމެން މިރަށްތައް ތަރައްޤީ ކުރާނެ. މިރަށްތައް އަޅުގަނޑުމެން ބޭނުންވާ ކަހަލަ ދިވެހިރާއްޖެއަކަށް ހަދައި މި ދިވެހި ރާއްޖެއަކީ ޖަޒީރާ ވަންތަ ޤައުމެއް އޮންނަ ދައުލަތެއްގެ ގޮތުގައި ހަދާނަން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ބޭނުން ވަނީ ރަށުގައި ވަޒީފާ  އަދާކޮށްގެން ހަލާލު މަސައްކަތުން ލިބޭ އާމްދަނީއަކުން ދިއުޅެން ކަމަށާއި  ރަށުގައި އަނބި ދަރިންނާއެކު ތާހިރު ދިރިއުޅުމެއް އުޅެވުން ކަމަށެވެ. އެމަސައްކަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އެކަން ދިވެހިންނަށް ކޮށްދީފައި ނޫނީ އިސްލާހީ މަސައްކަތެއް ނުހުއްޓާނޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ 2018 ގެ އިންތިޚާބު ހޯދަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބަކީ ލިބޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ނުކުމެ މަސައްކަތުން އަތުލަން ޖެހޭ އެއްޗެއް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އެއިންތިޚާބު ހޯދުމަށްޓަކައި 2013 ގައި ކަންކަން ހިނގައިދިޔަ ގޮތް ދެނެގަންނަން ޖެހޭ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން އެކަންކަމުން ފިލާވަޅުތަކެއް ލިބިގަންނަން އެބަޖެހޭ. އޭގެ އަލީގައި އަޅުގަނޑުމެން 2018ގެ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުން ކޮންމެހެންވެސް މުހިއްމު" ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް