ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 22:33
އަބްދުﷲ ޝާހިދު ތިނަދޫގައި ވާހަކަ ދައްކަވަނީ
އަބްދުﷲ ޝާހިދު ތިނަދޫގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ސަރުކާރުން އެއުޅެނީ ތިނަދޫ ދެވަނަ ފަހަރަށް ފަޅުކުރަން: ޝާހިދު
ސަރުކާރުގެ ސިޔާސަތުތަކަށް ޝާހިދު ފާޑުވިދާޅުވި
މާލެއަކީ ނިކަމެތިތަނެއް
ތިނަދޫފަޅުކުރަން އެއުޅެނީ

ސަރުކާރުން މަސައްކަތްކުރަނީ ތިނަދޫއާއި ހުވަދުއަތޮޅު ފަޅު ކުރުމަށް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ގދ ތިނަދޫގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މާލެއަށް އެންމެން އައުމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވިނަމަވެސް މާލެއަކީ ރާއްޖޭގައި އޮތް އެންމެ ނިކަމެތި ތަންކަމަށެވެ. އަދި އެންމެ ދަތިކޮށް ދިވެހިން އުޅެމުން ދަނީ ވެރިރަށް މާލޭގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. މާލޭގެ ތޮއްޖެހުން އިންތިހާއަށް ބޮޑުވެފައިވަނިކޮށް ވެސް މާލެއަށް ރައްޔިތުން  އައުމަށް ދިވެހިންނަށް ރައީސް ޔާމީން ގޮވާލެއްވީ އަތޮޅުތަކުން މީހުން ބާލައި، ބޭރުގެ މަސްވެރި ކުންފުނިތަކާއި އެހެން ވިޔަފާރިތަކަށް ރާއްޖޭގެ ރަށްތައް ވިއްކާލެއްވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމަށް ފުރުސަތު ނުދެއްވުމަށް ގޮވާލައްވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގައި އޮތް ޤުދުރަތީ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދުއަތޮޅު ފަޅުކޮށް، ތިނަދޫ ވެސް ދެވަނަ ފަހަރަށް ފަޅުކުރުމަށް ކަމަށެވެ.

ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނިކޮށް ދެކުނުގެ އަތޮޅުތަކުގައި 1500 ހައުސިން ޔުނިޓް އެޅުމަށް އެމްޑީޕީގެ ސަރުކާރުން ނިންމި ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން ގިނަ ހައުސިން ޔުނިޓްތަކެއް އެހެން ތަންތަނަށް ބަދަލުކުރަން މިސަރުކާރުން ނިންމި ކަމަށެވެ. އަދި ހައުސިން ޔުނިޓްތަކާއި ގިނަ މަޝްރޫޢުތަކަކީ ވެސް އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫޢުތަކެއް ކަމަށާއި، މިސަރުކާރުން ފެށި މަޝްރޫޢެއް ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ޝާހިދު ފެއްޓެވީ ހުވަދޫ ބަހުރުވައިންނެވެ. އަދި ވާހަކަފުޅުގެ ތެރެއިން ވެސް ހުވަދޫ ބަހުރުވައިން ވާހަކަ ދެއްކެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް