ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 15:37
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އާއި އަމީން އާންމު އަހުމަދު މުހައްމަދު
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އާއި އަމީން އާންމު އަހުމަދު މުހައްމަދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޗުއްޓީއަށް ދިޔައީތަ! ނޫނީ ކުރިއަށް އޮތް ހަފްތާގައި މީޑިއާ ކޮމިޝަންގެ ބިލް ނިންމާނެބާ!
މީޑިއާ ކައުސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށްފަހު އުފައްދާ ކޮމިޝަނެއް ކަމަށް ވޭ
މިބިލުން މީޑިއާތަކަށާއި ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވޭ
މި ބިލް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މެމްބަރު ޖައުފަރު ދާއޫދު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ނިންމުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔަކަމެއް ނުވަތަ ނުދާކަން ކަމާބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއްވި އެވެ.

މަޖިލީހުގެ އާއްމު އުސޫލުން އަމަލު ކުރާގޮތަކީ ކޮންމެ އަހަރެއްގެ ވެސް ފަހު ޖަލްސާއަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކުރިއަށް އޮތް އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރާ ޖަލްސާ ހެދުމެވެ. މީގެކުރިން ގިނަ އަހަރުތަކެއްގައި އަމަލު ކުރަމުން އައީވެސް އެގޮތަށެވެ.

ނަމަވެސް މިހާރު ހިންގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ކުރިން މަޖިލީހުން އަމަލު ކުރަމުން އައި ގިނަ ކަންތައްތަކެއް ބަދަލު ކޮށްފަ އެވެ.

މަޖިލީހުން ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 22 ވަނަ ދުވަހު ފާސްކޮށްފަ އެވެ. ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެއީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރައްވާފައި ނުވާތީ މަޖިލިސް ޗުއްޓީއަށް ދިޔަކަން މިވަނީ ކަށަވަރުވާގޮތް ނުވެފަ އެވެ. އަދި މަޖިލީހުގެ އިދާރާއިން ވެސް މަޖިލިސް ޗުއްޓީއަށް ދިޔަކަން ވަށަވަރު ކޮށްދީފައެއް ނުވެއެވެ.

މަޖިލިސް ޗުއްޓީއާ ބެހޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔަކަން އެއްގޮތަކަށް ވެސް އެނގި ނުލައްވާ ކަމަށާއި އަދި އެންމެފަހުން ބޭއްވި ޖަލްސާގައި މަސީހު އެކަން އިއުލާން ވެސް ކުރައްވާފައިނުވާ ކަމަށެވެ. އެހެންކަމުން ދެން މިއަހަރު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަމާމެދު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް ނިހާނު ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަކަން ހާމަކޮށްފައި ނުވާއިރު، މޯލްޑިވްސް މީޑިއާ ކޮމިޝަނެއް އުފެއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއްް ހުށަހަޅާފައިވާތީ ބައެއް ފަރާތްތަކުން ބުނަމުންދަނީ މަޖިލިސް ޗުއްޓީއަށް ދާނީ އެ ބިލް ފާސްކުރުމަށް ފަހުގަ ކަމަށެވެ. 

ކޮންމެވެސް ވަރަކަށް މަޖިލީހުގެ މެމްބަރުންނާ ހަވާލާދެއްވާ ބައެއް ފަރާތްތަކުން އެވާހަކަ ދައްކަމުންދާތީ، އެކަމާގުޅޭ ގުޅޭގޮތުން ސުވާލު ކުރުމުން ނިހާނު ވިދާޅުވީ މީޑިއާ ކޮމިޝަންގެ ބިލް ފާސްކުރުމާ ގުޅޭ ގޮތުން ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި މިހާތަނަށް މަޝްވަރާ ކުރެވިފައިނުވާ ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ މި ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މި ދައުރު ފަށާފައިވަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިދައުރު ނިމެން ދެން އޮތީ ކުރިއަށް އޮތް ހަފްތާ އެކަންޏެވެ. 

މީޑިއާ ކޮމިޝަންގެ ބިލްގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހަށް އިއްވާފަ އެވެ. އެބިލާ ގުޅިގެން ދެން އޮންނާނީ އިބްތިދާއީ ބަހުސް ކުރުމާއި ކަމާބެހޭ ކޮމެޓީއަށް ފޮނުވައިގެން އެބިލް ދިރާސާ ކުރުމެވެ. އެބިލް ކޮމެޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން އެބިލް ފާސްކުރުމާމެދު މެމްބަރުން ގޮތެއް ނިންމާނެ އެވެ. 

މިހާރު މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ފާސްކުރަމުންދާ ގޮތަށް ބަލާއިރު، މަޖިލީހަށް ހުށަހެޅޭ ބިލް 24 ގަޑިއިރުގެ ތެރޭގައި މަޖިލީހުން ފާސްކޮށްފަ ހުރިކަން ފާހަގަ ކޮށްލެވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް