ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 13:20
އިބްރާހިމް ދީދީ
އިބްރާހިމް ދީދީ
މުހައްމަދު ޝަރުހާން
ޖެނަރަލް ދީދީގެ ޝަރީޢަތް
ޖެނަރަލް ދީދީގެ ޝަރީޢަތް: ދިފާއުގައި ލިޔެކިޔުންތައް ހުށަހެޅުމަށް ތާވަލް ކުރި ޝަރީޢަތް ކެންސަލް
މައްސަލަ ކެންސަލް ކުރީ ދައުލަތުގެ ވަކީލް ރާއްޖެއިން ބޭރުގައި ހުންނެވުމުން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މައްސަލައިގެ ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ މަޖިލިސް ކެންސަލް ކޮށްފިއެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި ތަވާލް ކުރި ދީދީގެ ޝަރީޢަތް ކެންސަލް ކޮށްފައި ވަނީ ދައުލަތުގެ ވަކީލް ރާއްޖެއިން ބޭރުގައި ހުންނެވުމުން ކަމަށް ކޯޓުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. 

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މައްސަލައިގައި ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުއެވެ. 

އެގޮތުން އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ޝަރީޢަތުން ދީދީ އަށް ދީފައި މިވަނީ ދީދީގެ ވަކީލް ބަދަލުވުމާ ގުޅިގެން ދީދީގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ. 

އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ދީދީގެ ވަކީލް ސަފާ ޝަރީފް ވިދާޅުވެފައި ވަނީ އޭނާ މައްސަލައާ ހަވާލުވީ ވަރަށް ފަހުން ކަމަށާއި އެހެން ކަމުން ކުރިން ދީދީގެ ވަކީލް ދިފާއުގައި ޝަރީޢަތަށް ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް ވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ. އެހެން ކަމުން ކުރިން ދީދީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތުން ދީދީގެ ދިފާއުގައި ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ކޮޕީ ލިބޭނެ ގޮތް ހައްދަވައި ދެއްވުން އެދޭ ކަމަށް ދީދީގެ އާ ވަކީލް ސަފާ ޝަރީފް ވިދާޅުވިއެވެ. 

 

ދީދީގެ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ ދަށުން ލިބިދޭން ޖެހޭ ހުރިހާ ލުއިތަކެއް ދައުވާ ލިބޭ ފަރާތަށް ދިނުމަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ މީގެކުރިން ދިފާއުގައި ދީދީގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އަލުން ދީދީ އަށް ދިނުން އެންމެ އެދެވިގެން ވަނީ ޝަރީޢަތުން ކަމަށެވެ. އަދި ދީދީގެ ވަކީލް ބަދަލުވެފައި ވާތީ އަލުން ދިފާއުގައި ލިޔެކިޔުންތަކެއް ހުށަހަޅަން ދިފާއުން ބޭނުން ވެއްޖެ ނަމަ އެކަމަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށާއި ނަމަވެސް ދިފާއުން ހުށަހަޅާ ލިޔެކިޔުންތަކަށް ތައްޔާރު ވުމަށް ދައުލަތަށް ދެ ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. 

މި ވާހަކަތަކާ ގުޅިގެން  މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އިބްތިދާއީ މަރުހަލާގެ ތެރެއިން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާއި ނުވަތަ ދެއްކި ވާހަކަތަކުގެ ބަޔާންތައް ނުވަތަ އޯޑިއޯ ދޫނުކުރާ ކަމަށެވެ. ނަމަވެސް ކޯޓަށް އައިސް އެ ބަޔާންތައް ދިރާސާކޮށް ޝަރީޢަތުގެ މަޖިލީހުގައި ދައކާފައިވާ ވާހަކަތަކުގެ އޯޑިއޯ އަޑުއަހައި މުރާޖާ ކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. 

ޝަރީޢަތުން ވިދާޅުވީ ދިފާއީ ވަކީލް ބަދަލުވެގެން ދިފާއުގައި ކުރިން ހުށަހަޅާފައުވާ ލިޔެކިޔުންތައް އަލަށް އައްޔަން ކުރި ވަކީލަށް ލިބިފައި ނެތުމަކީ ޝަރީއަތުގެ މައްސަލަ އެއް ނޫން ކަމަށެވެ. އަދި ދިފާއުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ދިފާއުގައި ހުންނަން ޖެހޭނެ ކަމަށް ޝަރީޢަތުން ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް