ސަރުކާރުގެ ޕްރޮމޯޓު ކުރުމަށް ތަނުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުން ގެންދާ ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) އިން ކީރިތި ގުރުއާންގެ ބައެއް އުނިވާ ގޮތައް ބްރޮޑްކާސްޓް ކޮށްފައިވާ ކަމަށް އިއުތިރާފް ވެއްޖެއެވެ.
އަދި މިކަމަށް މައާފަށް އެދޭ ކަމަށްވެސް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ޕީއެސްއެމްގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި، ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ބަލާފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ.
އާންމުގެ ތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން އުފެދިފައިވާ މި މައްސަލަ އާ ގުޅޭގޮތުން ޕީއެސްއެމްގެ އެމްޑީ ސަޢީދު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވަނީ، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައި ކަމަށެވެ. "ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް، އެއް ކޮންޓްރޯލް ރޫމުން، އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމަކީ، ޢާއްމުގޮތެއްގައި ކުރާކަމެއް. އެހެންނަމަވެސް، އެފަދަ ހާލަތްތަކުގައި ސިގްނަލް ބަދަލުކުރަނީ، މީހަކު ވާހަކަ ދައްކާ ގަޑިއެއްގައި ނޫން؛" ކަމަށް ސައީދު ވިދާޅުވިއެވެ. "އެހެންނަމަވެސް، މި ދެންނެވި ކޮންޓެންޓް، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރެވުނީ، ކީރިތި ޤުރުއާން ކިޔަވަމުން ދަނިކޮށް؛" ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ.
މައްސަލަ އުފެދިން އުޅޭ ކޮންޓެންޓަކީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރަސްދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ގައި ބޭއްވި ޖަލްސާގައި ގުރުއާނުން ކިޔެވި އިރު "ފާސިގަކު ޚަބަރަކައިން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު އޮޅުން ފިލުވުމުގެ މައްޗަށް އޮތް އާޔަތް ޕީއެސްއެމް އިން ގެނެސްދިން އިރު "ފާސިގު" އެ ބަސް އުނިކޮށްފައިވާ ގެނެސްދިނުމެވެ.
ސައީދު ވިދާޅުވީ، އެކަން ހިނގި އިރު ކޮންޓްރޯލު ރޫމުގައި އެވަގުތު ޑިއުޓީގައި ތިބި މުވައްޒަފުން މަސައްކަތުން އެކަހެރިކޮށްފައިވާނެ ކަމަށެވެ. ސައީދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ޕީއެސްއެމް މީޑިޔާގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވަނީ، އެޑިޓްކުރުމުގެ ސަބަބުންތޯ ބައްލަވައިދެއްވުން އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިހާރު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.