ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 12:01
މއ. އާއިޝާ ހުސައިން ވަހީދު: އޭނާ މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރުގައި
މއ. އާއިޝާ ހުސައިން ވަހީދު: އޭނާ މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރުގައި
ޕޮލިސް
މީހުން މެރުން
ހުސައިން ވަހީދު މެރުމުގައި ބައިވެރި މީހަކު މަރަން ހައިކޯޓުން ވެސް ތާއީދުކޮށްފި
ހުސައިން ވަހީދުގެ ވާރިސުން ބޭނުން ވަނީ މަރަށް މަރު ހިފަން
ހުސައިން ވަހީދު މަރުވީ އަށް އިންޗީގެ ވަޅިއެއް މެޔަށް ހެރުމުން
ހުސައިން ވަހީދު މަރާލިއިރު، އެ ކުއްޖާއަށް 18 އަހަރު ނުފުރޭ

މއ. އާއިޝާ، ހުސައިން ވަހީދަށް ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލުމުގައި ބައިވެރިވި މީހަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ހުސައިން ވަހީދު މަރުވެފައި ވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުގެ ރޭ، އޭނާ ދިރިއުޅޭ މއ. އާއިޝާ ކައިރީގައި ހުއްޓާ، އަށް އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހެރުމުގެ ސަބަބުން ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

ހުސައިން ވަހީދުގެ މަރު ސާބިތުކުރި ރިޕޯޓުގައިވާ ގޮތުގައި، އޭނާ މަރުވުމަށް ދިމާވި ސަބަކަކީ ހިތުގެ ފަށަލައަށް ތޫނު އެއްޗަކުން ދިން ހަމަލާއާ ގުޅިގެން އެތެރެއަށް ލޭހޮޅިތައް ފަޅައިގެންގޮސް ހިތުގެ ހިނގުން ހުއްޓި، ސިކުނޑިއަށް ލޭދައުރުކުރަން ބޭނުންވާ އޮކްސިޖިނޭޓެޑް ލޭ ދައުރުކުރުން ހުއްޓުމުންނެވެ. މީގެ އިތުރުން، ހުސެއިން ވަހީދުގެ މެއިން ހޯސްލާފައި ފައިބަމުންދިޔަ ލޭ މަނާކުރެވުމުގެ ކުރިން އޭނާ މަރުވެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހުސައިން ވަހީދުގެ މަރާ ގުޅިގެން ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވާފައި ވަނީ ހުސައިން ވަހީދަށް ހަމަލާދިން މީހަކު ދަތުރުކުރި ސައިކަލު ދުއްވަން އިން މީހާއަށެވެ. ހުސައިން ވަހީދު މަރާލިއިރު، އޭނާ އަށް 18 އަހަރު ނުފެރެ އެވެ. އެހެން ނަމަވެސް، އެ ހުކުމް އިއްވި އިރު އޭނާއަށް ވަނީ 18 އަހަރު ފުރިފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ހުކުމުގައިވާ ގޮތުގައި، ހުސައިން ވަހީދަށް ހަމަލާދިން މީހަކު މއ. އާއިޝާގެ ކައިރިއަށް ސައިކަލުގައި ގެންގޮސްދިން ކަމާއި ހަމަލާއަށް ފަހު ސައިކަލުގައި އެ މީހާ އެހެންތަނަކަށް ގެންގޮސްދިން ކަން ތިން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.

ޖުވަނައިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލުމަށް ފަހު ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުގައި، ކުރި ކަމަށް ސާބިތުވާ އަމަލާއި، ނިކުތް ނަތީޖާ އާއި ސަބަބުގެ ގޮތުން ގުޅިފައިވުމުން ކުށުގެ މާއްދީ ރުކުން ފުރިހަމަވެއެވެ. ކުށުގެ މައުނަވީ ރުކުނަށް ބަލާއިރު، މުޅި ދައުވާގެ އަސްލަށް އިންކާރުކޮށްފައިވުމުންނާއި، މި ހާލަތުގައި ނިޔަތަކީ ފޮރުވިފައިވާ އެއްޗަކަށްވާތީ ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަ ކަންތައްތަކުން ކަމަށް ހުކުމުގައި ވެއެވެ.

މީހަކު މަރާލެވިދާ ފަދަ ހަތިޔާރަކުން މީހަކަށް ހަމަލާ ދީފައިވާ ނަމަ، އެ ހަތިޔާރަކީ، ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ ސިފަ ކަމަށް އިލްމުވެރިން ބުނެފައިވާކަން ފާހަގަކޮށް ހުކުމުގައިވާ ގޮތުގައި، އެ ހާލަތުގައި އެެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެކަމުގައި މަރާލުމުގެ ގަސްދު އޮތް ކަމަށް ބަލަންޖެހެ އެވެ.

ހައިކޯޓުގެ ހުކުމުގައިވާ ގޮތުގައި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ބަލާއިރު ވެސް މަރުގެ އަދަބު ކަނޑައެޅުމަށް ހުރަސް އެޅޭނެ އެއްވެސް ސަބަބެއް ނެތެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ފާހަގަކޮށްފައިވަނީ، މަރުގެ އަދަބު ދިނުމާއި ދެކޮޅު މުއާހަދާތަކުގައި ހުރި މާއްދާތަކަށް އަމަލު ނުކުރުމަށް ރާއްޖެއިން ނިންމާފައިވުމެވެ.

ހުސައިން ވަހީދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ ނުވަ މީހުން ވެސް ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށެވެ. 

ހުސައިން ވަހީދުގެ މަރާ ގުޅިގެން އިތުރު ކުއްޖަކު މެރުމަށް ވެސް ޖުވަނައިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ. އެ މައްސަލަ ވެސް އިސްތިއުނާފުކޮށްފައިވާއިރު، އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް