ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 09:04
ދިވެހިރާއްޖޭގެ ހައިކޯޓު، މި ދެ މީހުންގެ އިތުރުން މި މައްސަލައާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކުރި
ދިވެހިރާއްޖޭގެ ހައިކޯޓު، މި ދެ މީހުންގެ އިތުރުން މި މައްސަލައާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކުރި
މުހައްމަދު ޝަރުހާން
ހަސަންބެގެ މަރު
ހަސަންބެގެ މަރުގެ މައްސަލައިގައި ދެ މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
ހަސަންބެ މަރުވީ، ބަޔަކު ވައްކަންކުރަން ވަދެ، ރަހީނުކުރުމުގެ ސަބަބުން
ތަހުގީގުގައި އިއުތިރާފުވި ނަމަވެސް ޝަރީއަތުގައި ވަނީ އިންކާރުކޮށްފައި
ހަސަންބެ މަރާލުމަށް ފަހު އެ މީހުން ވަގަށް ނެގީ 11،500ރ.

ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު (ހަސަންބެ)، މަރާލި މައްސަލައިގައި ދެ މީހަކު އުމުރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ހަސަންބެގެ މަރުގެ މައްސަލައިގައި އުމުރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ގ. އިރުފާ މުހައްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލް އެވެ. އެ ދެ މީހުންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހު އެވެ.

އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެލުމަށް ފަހު ހައިކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުގައި، ހަސަންބެ މަރުވީ ރަހީނުކުރުމުގެ ސަބަބުންނެވެ.

ހަސަންބެގެ މަރުގެ މައްސަލައިގައި އެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުގައި، މި ދެ މީހުންނާއި އިތުރު މީހަކު ބައިވެރިވެގެން، 2012 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ރޭ، ހަސަންބެ ބަނުމަށް ފަހު، ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި، ހަސަންބެ ނިދާފައި އޮއްވައި އެ ގެއަށް ވަގަށް ވަދެ ހަސަންބެ ރަހީނުކުރި ކަމަށެވެ.

އެގޮތުން، ހަސަންބެގެ އަނގަމަތީގައި މުހައްމަދު ފައިސަލް ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އެޅި ކަމަށް ދައުވާގައި ވެއެވެ. އަދި އަހުމަދު ނައުޝާދާއި އިތުރު މީހަކު ވެގެން އިންސިއުލޭޝަން ޓޭޕުން ހަސަންބެގެ އަތްފައި ބަނދެ، އޭނާ ރަހީނުކުރި ކަމަށް ވެސް ދައުވާގައިވެ އެވެ.

އެ މީހުންގެ މައްޗަށް ދައުވާކުރީ، ހަސަންބެ މަރުވީ އެމީހުންގެ އެ އަމަލުގެ ސަބަބުން ކަމަށް ބުނެއެވެ. ފުލުހުން ހިންގި ތަހުގީގައި އެ މީހުން ކުށަށް އިއުތިރާފުވި އެވެ. އެހެންނަމަވެސް، ޝަރީއަތުގައި އެ މީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމުގައިވާ ގޮތުގައި، ޝަރީއަތުގައި ދައުވާއަށް އިންކާރުކުރި ނަމަވެސް، ތަހުގީގަށް އެ ދެ މީހުން ދީފައިވާ ވީޑިއޯ ބަޔާނަށް ބެލި ބެލުމުން އެއީ މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށް ބެލެވޭނެ ޖާގައެއްނެތެވެ.

އެ މީހުން ހިންގި އަމަލުގެ ސަބަބުން ހަސަންބެ މަރުވިއިރު، ހިތްފަސޭހަގެއިން 11،500ރ. އެ މީހުން ވަގަށް ނެގި އެވެ. މައްސަލައިގެ ލިޔެކިޔުންތަކުގައިވާ ގޮތުގައި، އެ ފައިސާ ތިން މީހުންގެ މެދުގައި ބެހުމުން މީހަކަށް ލިބުނީ 3،500ރ. އެވެ. ބާކީވާ އެއްހާސް ރުފިޔާ ބޭއްވީ މުހައްމަދު ފައިސަލްގެ އަތުގަ އެވެ.

މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހަކީ ކުޑަކުއްޖެކެވެ. އެ ކުއްޖާގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެހެންނަމަވެސް، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިން ވަނީ ހުކުމްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް