ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 10:33
މައިޓެކް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، ތަޅުގެ ބައެއް ވެސް ވަނީ ކީހާލާފައި
މައިޓެކް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، ތަޅުގެ ބައެއް ވެސް ވަނީ ކީހާލާފައި
ރާއްޖެ އެމްވީ
ވައްކަން ކުރުން
މާލޭގެ ފޯނު ވިއްކާ ފިހާރައެއް ފަޅާލައި އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނަގައިފި
ގިނަ އަދަދެއްގެ ފޯނު ވަގަށް ނަގާފައިވޭ
ފިހާރައިގެ ކެމެރާ ސިސްޓަމް ވެސް ވަނީ ހަލާކުކޮށްލާފައި
ފުލުހުން ވަނީ ފޮރިންސިކް ޑޭޓާ ނަގާފައި

މާލޭގެ ފޯނު ވިއްކާ ފިހާރައެއް ފަޅާލައި، ގިނަ އަދަދެއްގެ މުދާ ވަގަށް ނަގައިފި އެވެ.

ބުދަ ދުވަހުގެ ފަތިހު ފަޅާލާފައި ވަނީ، މާފަންނުގައި ހުންނަ މައިޓެކް ކިޔާ ފިހާރަ އެވެ. އެ ފިހާރައަކީ ފޯނާއި، ފޯނު އެކްސަރީސް ފަދަ ތަކެތި ވިއްކާ ފިހާރައެކެވެ.

މައިޓެކް ފިހާރައިން ވައްކަން ކޮށްފައި ވަނީ، ފިހާރައިގެ ބިއްލޫރި ދޮރު ފަޅާލައި، ތަޅުގެ ބައެއް ކީހާލައިގެން ވަދެ އެވެ. ވައްކަން ކުރަން ވަން މީހުން ވަނީ އެ ފިހާރައިގެ ކެމެރާ ސިސްޓަމް ވެސް ހަލާލުކޮށްލާފަ އެވެ.

ފިހާރައިގެ ވެރިފަރާތުން މައުލޫމާތު ދިން ގޮތުގައި، ޕެޓީ ކޭޝްގެ ގޮތުގައި ކައުންޓަރުގައި ބަހައްޓާފައި ހުރި 6،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވެއެވެ. މީގެ އިތުރުން، ފިހާރައިގެ ރެކުތަކުގައި ހުރި ގިނަ އަދަދެއްގެ ފޯނުތައް ވަގަށް ނަގާފައި ވެއެވެ.

ފިހާރައިގެ ވެރިފަރާތުން ލަފާކުރާ ގޮތުގައި، ވަގަށް ނެގި މުދަލުގެ އަގު އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ވާނެ އެވެ.

މައިޓެކް ފިހާރަ ހުންނަ، ސަރަހައްދަކީ ގިނަ އަދަދަކަށް ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދެކެވެ. ވައްކަން ކުރި މަންޒަރު، އެ ހިސާބުގައި ދިރިއުޅޭ ބައެއް ފަރާތްތަކަށް ފެނިފައިވީ ނަމަވެސް، އަމިއްލަ ސަލާމަތަށްޓަކައި އެފަރާތްތަކުން ވަނީ މައުލުމާތު ދޭން ދެކޮޅު ހަދާފަ އެވެ.

ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުން މިހާރު ވަނީ، އެ ފިހާރައިން ފޮރެންސިކް ޑޭޓާތައް އެއްކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި މައިޓެކް ފިހާރަ ފަޅާލި މައްސަލަ ދަނީ ތަހުގީގު ކުރެވެމުންނެވެ.

ފަހަކަށް އައިސް މާލޭގައި ފިހާރަތައް ފަޅައި ވައްކަން ކުރުން ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން ވަޅިން ބިރު ދައްކައި ފޭރުން ފަދަ ކަންކަން ވެސް ދަނީ ހިންގަމުންނެވެ. ފުލުހުން ބުނާ ގޮތުގައި އެ ހުރިހާ މައްސަލައެއް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް