ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 04:57
އދ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ނަސީރު
އދ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ނަސީރު
ފޮރިން މިނިސްޓްރީ
އދ - ރާއްޖެ
އަފްޣާނިސްތާނަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީ ބޭނުންވޭ: ރާއްޖެ
މިމައްސަލަ އދއަށް ހުށަހެޅުނީ 1980ވަނަ އަހަރު

އަފްޣާނިސްތާނުގެ ސަލާމަތީ ޙާލަތު ރަނގަޅުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީ ބޭނުންވާކަމަށް ދިވެހިރާއްޖެއިން ބުނެފިއެވެ.

އދގެ އާއްމު މަޖިލީހަށް އަފްޣާނިސްތާނުގެ ޙާލަތާއި ބެހޭ ގޮތުން ހުށަހެޅުނު މައްސަލައިގައި ދިވެހިރާއްޖެއިން ބުނީ އަފްޣާނިސްތާނުގެ ސަލާމަތީ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް އދ އާއި އދގެ މެމްބަރު ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ. އަދި އަފްޣާނިސްތާނުގެ ދާޚިލީ ހަމަޖެހުމުގެ މަޝްވަރާތަކާއި ވާހަކަތަކާއި، އަފްޣާނިސްތާނުގެ ކުރިމަގާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އިސް ރޯލެއް އަދާކުރަން އަފްޣާނިސްތާނަށް ފުރުސަތު ލިބެން ޖެހޭކަމަށް ރާއްޖެއިން ބުންޏެވެ. ހަމަ އެއާއިއެކު، އަފްޣާނިސްތާނުން އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި ބައިވެރިވުމާއި، އަފްޣާނިސްތާނުގެ ޤައުމީ ސަލާމަތާއި ބެހޭ ޤައުމީ އޮނިގަނޑެއް ޤާއިމްކުރެވުމަކީ އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ރާއްޖެއިން ދެކޭކަމަށްވެސް އާއްމު މަޖިލީހުގައި ރާއްޖެއިން ބުނެފައިވެއެވެ.

ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ފަސްޓް ސެކެޓްރީ އަހުމަދު ނާސިރު ވަނީ އަފްޣާނިސްތާނުގެ ކުރިމަގު ބައްޓަން ކުރުމުގައި ސަރަހައްދީ ޤައުމުތަކާއި އެކުވެރި ޤައުމުތަކުގެ ދައުރުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަފްޣާނިސްތާނަކީ ރާއްޖެވެސް ހިމެނޭ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބައިވަންތަކުގެ ޖަމްއިއްޔާ، ސާކްގެ 8ވަނަ މެމްބަރު ޤައުމެވެ.

އދގެ އާއްމު މަޖިލީހުގައި މެމްބަރު ޤައުމުތަކުން ވަނީ އަފްޣާނިސްތާނުގެ ޓެރަރިސްޓް ޖަމާޢަތްތަކަށް ފިލައިގެން އުޅުމުގެ ފުރުސަތު މެމްބަރު އެއްވެސް ޤައުމަކުން ނުދިނުމަށް ގޮވާލާފައެވެ. އަދި މިއީ އަފްޣާނިސްތާނުގެ ސަލާމަތް ކުރިމަގު ކަށަވަރުކުރުމަށް މުހިއްމުކަމެއްކަމަށްވެސް ޤައުމުތަކުން ފާހަގަކުރިއެވެ. އދގެ އާއްމު މަޖިލީހުގައި ނޯވޭ އާއި އިނގިރޭސިވިލާތުން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ.

އަފްޣާނިސްތާނުގެ ޙާލަތުގެ މައްސަލައިގައި މި ނޮވެމްބަރު މަހުގެ 20ވަނަ ދުވަހު މަޝްވަރާކުރި މައްސަލައަކީ 1980ވަނަ އަހަރުގެ ޖެނުއަރީ 3 ގައި އދއަށް ހުށަހެޅުނު މައްސަލައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް