ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 22:27
ތިނަދޫގައި އިދިކޮޅު ޕާޓީތަކާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގަނީ
ތިނަދޫގައި އިދިކޮޅު ޕާޓީތަކާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގަނީ
މުރުޝިދް އަބްދުލް ހަކީީމް
ތިނަދޫ ޖަލްސާ
ތިނަދޫގައި އެންމެ ފަހުން ދެ ބައި މީހުން ހަމަނުޖެހުން ހިންގައިފި
ޕީޕީއެމްގެ އިސްވެރިން ތިނަދޫއަށް ވަޑައިގަތީ އިދިކޮޅު ފަރާތްތަކުން ޖަލްސާއަށް ތައްޔާރުވަމުން ދަނިކޮން
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ އޮތީ ބުރާސްފަތި ދުވަހުގެ ރޭ
ޖަލްސާ އަށް ނުދިއުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައި

ޕީޕީއެމްގެ ވަފުދެއް ގދ. ތިނަދޫއަށް މިއަދު ދިޔަ ވަގުތާ ދިމާކޮށް އިދިކޮޅު ފަރާތްތަކާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިންގައިފިއެވެ. 

ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ތިނަދޫއަށް ޕީޕީއެމްގެ މީހުން ދިޔައީ އިދިކޮޅު މީހުން ބޮޑު ޖަލްސާއަކަށް ތައްޔާރުވަމުން ދަނިކޮށެވެ. ތިނަދޫ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖަލްސާ ބާއްވާ ސަރައްދުގައި ޝުއޫރު ފާޅުކުރުމުން ޕީޕީއެމްގެ ސަޕޯޓަރުން އެތަނަށް ގޮސް ބައެއް މީހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އެރަށް ވަޑައިގެންނެވި ސަރުކާރާއި ޕީޕީއެމްގެ އިސްވެރިން އިސްވެ ތިއްބަވައިގެން ފޮނުވައިގެން ކަމަށް އޭނާ ތުހްމަތު ކުރެއްވި އެވެ.

"ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިސްކޮން ހުންނަވައިގެން ޑިފެންސް މިނިސްޓަރު ވެސް އެތާ ހުންނަވައިގެން އަދި އެހެނިހެން ވަޒީރު ބޭފުޅުން ވެސް އެތަނުގައި ތިއްބަވައިގެން އެފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ކުދިންތަކެއް ލައްވައި ހިންގުމަކީ ވަރަށް ހިތާމަވެރި ކަމެއް. ގައުމު ނުވެއްޓޭ ފަދަ އަނދަވަޅަކަށް ވައްޓައި، އަދި މުސްތަގުބަލުގައި ވައްޓާލާނެ ކަމުގެ ފެހި ސިގްނަލް މިދެނީ،" ނާސިހް ވިދާޅުވި އެވެ.

ހަމަ އެހެންމެ ޕީޕީއެމްގެ އިސްވެރިން ތިބެގެން ހިންގި އަމަލުތައް އަތޮޅު ކައުންސިލްގެ ފަރާތުން އޭނާ ވަނީ ކުށްވެރިކުރައްވާފަ އެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާއަށް ހުރަސްއެޅުމަށް އެކި ގޮތްތުން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ނާސިހް ވިދާޅުވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ އެދިވަޑައިގަތުމަކަށް އަތޮޅުގޭގައި އަތޮޅު ކައުންސިލާއި އަދި ރަށު ކައުންސިލްގެ މެމްބަރުންނާ އެކު ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް ފަހު ނިކުމެ ވަޑައިގެން ވަގުތު ފުލުހުން އައިސް އަތޮޅު ކައުންސިލް އިދާރާގެ ތަޅުދަނޑި ދިނުމަށް އެދުނު ކަމަށެވެ. އަދި ހޯމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއް ފުލުހުން ދެއްކުމުން ބުރާސްފަތި ދުވަހުގެ އަތޮޅު ކައުންސިލްގެ އިދާރާ ފުލުހުންނާ ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެރަށުގައި އިދިކޮޅު ފަރާތްތަކުން ބަހައްޓާފައި ހުރި ޕޯސްޓަރެއް ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ފުލުހުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެހާ ބޮޑަށް ކަންބޮޑު ވަނީ އާދަލާ ހިލާފަށް ޖަލްސާ ބޮޑުވެގެން ހިނގާދޭނެތީ ކަމަށެވެ.

"ސަރުކާރުގެ ފަރާތްތަކުން ހިތްބިރު ގަންނަނީހެން ހީވަނީ ތިނަދޫގައި ޖަލްސާއެއް ބާއްވާތީ. އާދަޔާ ހިލަށް ބޮޑުވެގެން ހިނގާދާނެތީ. ތިނަދޫގެ ދެ މެމްބަރުންގެ ފަރާތުންނާއި ތިނަދޫ އެދެނީ އަދި ތިނަދޫގެ ޕީޕީއެމް އިން ވެސް އެދެނީ މި ފަދަ ބޮޑު ޖަލްސާއެއް ބޭއްވުމަށް. އެހެންވީމަ ނަންބަރުތައް ގިނަ ވަދާނެތީ އަބްދުﷲ ޔާމިން ބިރުގަންނަނީ،" އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި އިދިކޮޅު ފަރާތްތަކުގެ ބުރާސްފަތި ދުވަހު ރޭ ބާއްވާ ޖަލްސާއަށް ދަނީ ބޮޑެތި ތައްޔާރީތައް ވަމުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެ ޖަލްސާއަށް ދާނެ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވެސް ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަނެއްކޮޅުން ޕީޕީއެމްގެ މެމްބަރުން ގެންދަނީ އެ ޖަލްސާއަށް މީހުން ދިއުމާ ދެކޮޅު ކެމްޕެއިންކުރަމުންނެވެ. އަދި އެ ޖަލްސާ އަށް ނުދިއުމަށް ސީދާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ. އަދި ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް