ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 22:09
ތިނަދޫއަށް ވަޑައިގެންނެވި ސަރުކާރުގެ ޓީމަށް މަރުހަބާ ކިޔަނީ
ތިނަދޫއަށް ވަޑައިގެންނެވި ސަރުކާރުގެ ޓީމަށް މަރުހަބާ ކިޔަނީ
އަހުމަދު މުހުސިނު
ގދ ތިނަދޫ
ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާއާ ދިމާކޮށް ސަރުކާރުގެ ޓީމެއް ވެސް ތިނަދޫއަށް
ޕީޕީއެމް ޕީޖީ ލީޑަރު ނިހާން ވެސް ވަޑައިގެންގެންނެވި
ނިހާން ވަނީ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާއަށް ނުދިއުމަށް ގޮވާލާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި
މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ޕީޕީއެމުން ޖަހަން އުޅޭ ސަކަރާތް ނުޖެހޭނެ ކަމަށް

ގުޅިފައިވާ ޕާޓީތަކުން ތިނަދޫގައި ބާއްވާ ޖަލްސާއާ ދިމާކޮށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ ޓީމެއް ގދ. ތިނަދޫއަށް ހިނގައްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން، "ރައްޔިތުންގެ ބަދަލު"ގެ ނަމުގައި ބުރާސްފަތި ދުވަހުގޭ ބާއްވާ ޖަލްސާއާ ދިމާކޮށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ޓީމެއް ވަނީ އެރަށަށް ވަޑައިގަނަންވާފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ޖަލްސާ ބާއްވާއިރު އެރަށަށް ވަޑައިގެންނެވި ޕީޕީއެމްގެ ޓީމުން ވެސް އެރަށުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެއީ ކޮންކަހަލަ ހަރަކާތެއް ކަމުގެ މައުލޫމާތު އަދި ވަނީ ލި ބޭގޮތް ނުވެފައެވެ.

އެހެންނަމަވެސް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ބައެއް މީޑިޔާތަކަށް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ވަފްދުގެ ބޭނުމަކީ ތިނަދޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރުމެވެ. އެގޮތުން އެ ރަށު ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަން އޮޅުން ފިލުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެކަމަކު ބޮޑު ޖަލްސާއެއް ބާއްވަން އަދި ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ ފަޅީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ތިނަދޫ އަށް މިއަދު ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނިހާނާއި، ޕީޕީއެމްގެ ނާއިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ޕީޕީއެމް އާއި އެމްޑީއޭގެ އެހެން މެންބަރުން ހިމެނެ އެވެ.

ތިނަދޫއަށް ނިހާން ވަޑައިގެންނެވުމުގެ ކުރިން ވަނީ ތިނަދޫ އަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަން ހަނދާންކޮށްދެއްވައި އެކަންކަމުގެ އަގު ވަޒަން ކުރުމަށް ގޮވާލައްވާފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާއަށް ނުދިއުމަށް ގޮވާލާ ފަދަ ގޮތަކަށް ނިހާން ވަނީ ވާހަކަ ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް