ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 14:45
މެސީ އަދި ޒަވީ ބާސާގެ ކުޅުންތެރިންގެ ތެރޭގައި
މެސީ އަދި ޒަވީ ބާސާގެ ކުޅުންތެރިންގެ ތެރޭގައި
ގެޓީ އިމޭޖަސް
ލިއޮނެލް މެސީ
ކޮންޓްރެކްޓް އައު ކުރުމަށް ފަހު މެސީ ރިޓަޔާ ވެސް ކުރާނީ ބާސާގައި: ޒަވީ
ޒަވީ ވެސް ވަނީ މެސީގެ ބައްޕަ އޭނާގެ ކޮންޓްރެކްޓްގައި ސޮއެ ކޮށްފައިވާ ކަމަށް ބުނެފަ
މެސީއަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ޒަވީ ބުނި

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައު ކުރާނެ ކަމަށާއި އަދި އޭނާ ރިޓަޔާ ކުރާނީ ވެސް އެ ޓީމުގައި ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

ބާސާއާއިއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަހަށް ހަމަވާއިރު މި އަންނަ ޖެނުއަރީ މަހުގެ ކުރިން އޭނާ އައު ކޮންޓްރެކްޓެއްގައި ސޮއެ ނުކޮށްފިނަމަ އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. އެހެނަސް ޒަވީ ބުނެފައިވަނީ އެކަން އެގޮތަށް ނުހިގާނެ ކަމަށާއި އޭނާ އެ ޓީމުގައި މަޑުކުރާނެ ކަމަށެވެ.

މެސީގެ ކުރިމަގާއި މެދު ސުވާލު އުފެދިފައިވާއިރު މިދިޔަ ޖުލައި މަހު ބާސާއިން ބުނެފައި ވަނީ 2021 ވަނަ އަހަރާ ހަމަޔަށް މެސީ ބާސާގައި މަޑުކުރަން އެއްބަސްވެފައިވާ ކަމަށާއި އެއްބަސްވުމުގައި މަދުވަނީ ހަމައެކަނި އޭނާގެ ސޮއެ ކަމަށެވެ. ހަމައެހެންމެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީގެ ކޮންޓްރެކްޓްގައި އޭނާގެ ބައްޕަ ވަނީ ސޮއެ ކޮށްފައެވެ. އެހެނަސް ބާސާ އަދި މެސީ ވެސް މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޒަވީ ވެސް ވަނީ މެސީގެ ބައްޕަ އޭނާގެ ކޮންޓްރެކްޓްގައި ސޮއެ ކޮށްފައިވާ ކަމަށް ބުނެފައެވެ. މެސީގެ ކޮންޓްރެކްޓް އިއުލާނު ނުކުރިޔަސް އޭނާ އޭގައި ސޮއެ ކޮށްފައިވާ ކަމަށާއި ކޮންމެހެން ކޮންޓްރެކްޓް އިއުލާނުކުރުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޒަވީ ވަނީ ބުނެފައެވެ.

ހަމަ އެހެންމެ މެސީ ބާސާއަށް ބޭނުންވާ އުސޫލުން ބާސާ ވެސް މޮޅު ޓީމެއްގެ ގޮތުގައި ދެމިއޮތުމަށް މެސީ ބޭނުންވާ ކަމަށް ޒަވީ ބުނެފައިވެއެވެ. އަދި މެސީގެ މުޅި ކެރިއަރު ބާސާގައި ވޭތުކުރުމަކީ އޭނާގެ އުއްމީދެއް ކަމަށާއި އޭރުން ބާސާއަށް ތަށި ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޒަވީ ބުނެފައިވެއެވެ.

ބާސާއިން މި ސީޒަނުގައި ދައްކަމުންދާ ކުޅުމާއި ބެހޭގޮތުން ޒަވީ ބުނެފައި ވަނީ އެ ޓީމުގެ ފަރާތުން ފެންނަމުން ދަނީ މޮޅު ކުޅުމެއް ކަމަށާއި އެހެނަސް އަދި މިއަށް ވުރެ ވެސް ކުޅުން އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ސީޒަނުގެ ކުރީކޮޅު ހޯދަމުންދާ ކާމިޔާބު ސީޒަން ނިމޭއިރު ވެސް ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޒަވީ ވަނީ ބުނެފައެވެ.

މެސީއަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޒަވީ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ބެލެވޭ ގޮތުގައި މިއަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މެސީ އައު ކޮންޓްރެކްޓްގައި ސޮއެ ކުރާނެއެވެ. އަދި އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ވޭތުކުރާނީ ބާސާގައެވެ. މެސީއަކީ ބާސާގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވާއިރު އޭނާގެ ކޮންޓްރެކްޓް އައު ކުރުމަކީ އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެވެ.

ބާސާގެ ޖާޒީގައި މެސީ 600 މެޗު ކުޅެފައިވާއިރު އޭނާ ވަނީ އެ ޓީމަށް 523 ލަނޑު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބާސާ އާއިއެކު 29 ތަށި ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް