ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 13:37
ކްލޮޕް އަދި ކުޓީނިއޯ - ބާސާއިން ހޯދަން ބޭނުންވާ ދެ މީހުން
ކްލޮޕް އަދި ކުޓީނިއޯ - ބާސާއިން ހޯދަން ބޭނުންވާ ދެ މީހުން
ގޫގުލް
ލިވަޕޫލް
ބާސާއަށް ކޯޗުކަން ކޮށްދިނުމުގެ ވިސްނުމެއް ނެތް: ކްލޮޕް
ލިވަޕޫލްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް ކްލޮޕް ވަނީ ބުނެފައި
މިވަގުތު ހަމައެކަނި ވިސްނަނީ އެ ކްލަބާއެކު ކުރިއެރުން ހޯދަން ކަމަށް ކްލޮޕް ހާމަކުރި

ސްޕެއިންގެ ބާސެލޯނާއަށް ކޯޗުކަން ކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ބާސާގެ ކޯޗުގެ މަގާމުގައި މިދިޔަ ސީޒަނުގައި ހުރި ލުއިސް އެންރިކޭ އެ މަގާމު ދޫކޮށްލުމާއެކު ކްލޮޕް އެ މަގާމަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އެހެނަސް އޭނާގެ ބަދަލުގައި ބާސާއިން ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ އާނެސްޓޯ ވަލްވާޑޭއެވެ.

ބާސާގެ ކޯޗުކަމުން ފެނިދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކްލޮޕް ބުނެފައި ވަނީ ލިވަޕޫލްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އަދި އޭގެ ކުރިން ޑޯޓްމަންޑުގައި ވެސް ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. ކެރިއަރުގައި ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްވި ކަމަށާއި އެހެން ކަމުން ކޮންމެހެން ބާސާއަށް ކޯޗުކަން ކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ކްލޮޕް ބުނެފައިވެއެވެ.

ހަމައެހެންމެ ލިވަޕޫލްއިން އޭނާގެ ހިދުމަތް ބޭނުންނުވާނަމަ އޭނާ އެ މަގާމުން ވަކިކުރާނެ ކަމަށާއި އެހެނަސް މިވަގުތު ހަމައެކަނި ވިސްނަނީ އެ ކްލަބާއެކު ކުރިއެރުން ހޯދަން ކަމަށް ކްލޮޕް ހާމަކުރިއެވެ.

ބާސާއިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ އާއި ގުޅޭގޮތުން ކްލޮޕް ބުނެފައިވަނީ ޖެނުއަރީގެ ފިނި މޫސުމުގެ ޓްރާންސްފާގައި އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށާއި ކުޓިނީއޯއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިޔެއް ކަމަށެވެ. ކޯޗުގެ ޒިންމާއަކީ ކްލަބަށް ކާމިޔާބު ހޯދައިދިނުން ކަމަށާއި އެ ޒިންމާ އަދާކުރާނަމަ ކުޅުންތެރިން ކްލަބުގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނަ ކަމަށް ކްލޮޕް ބުނެފައިވެއެވެ.

ސްޕެއިންގައި މީޑިއާތަކުން ކުޅުންތެރިންނާއި ކޯޗުންގެ ބަސް ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމަށް ކްލޮޕް ބުނެފައިވެއެވެ.

ލިވަޕޫލްއަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ފޯވާޑް ޑެނިއެލް ސްޓަރިޖް އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބައެއް ރިޕޯޓުތަ ބުނެއެވެ. މިކަމާއި ގުޅިގެން ކްލޮޕް ބުނީ ސްޓަރިޖަކީ ލިވަޕޫލްއަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި ސްޓަރިޖްއާއި ދެމެދު އެއްވެސް މައްސަލައެއް ވެސް ނޫޅޭ ކަމަށެވެ.

ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް 118 މެޗު ކުޅެފައިވާއިރު އޭނާ ވަނީ އޭގެތެރެއިން 60 މެޗުން އެ ޓީމު މޮޅު ކޮށްދީފައެވެ. ބާކީ 34 މެޗު އެއްވަރުވިއިރު ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލްވަނީ 24 މެޗަކުން ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް