ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 11:40
ކާލޯ ޓަވޭޗިއޯ - 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުމާއި ވިދިގެން އޭނާ ވަނީ އިސްތިއުފާ ދީފައި
ކާލޯ ޓަވޭޗިއޯ - 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުމާއި ވިދިގެން އޭނާ ވަނީ އިސްތިއުފާ ދީފައި
ގެޓީ އިމޭޖަސް
އިޓަލީގެ ގައުމީ ޓީމު
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި
ޓަވޭޗިއޯ އާއިއެކު އޭނާގެ ބޯޑު އިސްތިއުފާ ދީފައެއް ނުވޭ
ޓަވޭޗިއޯގެ ރިޔާސަތުގައި އިޓަލީގެ ގައުމީ ޓީމަށް މާ އެދެވޭ ކާމިޔާބުތަކެއް ހޯދިފައެއް ނުވޭ

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާލޯ ޓަވޭޗިއޯ އެ މަގާމުން އިސްތިއުފާ ދީފިއެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ އެ މަގާމުން ވަކިކުރިތާ ހަފްތާއެއް ނުވަނީ ޓަވޭޗިއޯ ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ. އުމުރުން 74 ގެ ޓަވޭޗިއޯ އެ މަގާމުން އިސްތިއުފާ ދިންކަން ކަށަވަރު ކޮށްދިނީ ރޯމްގައި ހުންނަ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޓަވޭޗިއޯ އެ މަގާމުން އިސްތިއުފާ ދީފައިވަނީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުމާއި ވިދިގެންނެވެ. އެގޮތުން ކޮލިފައިންގައި 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ސްވިޑެން އަތުން ބަލިވެ އިޓަލީއަށް ވަނީ 59 އަހަރުގެ ފަހުން ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓަވޭޗިއޯ އާއިއެކު އޭނާގެ ބޯޑު ވެސް އިސްތިއުފާ ދިނުމަށް ނިންމިއެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ހިނގާފައެއް ނުވެއެވެ.

މަގާމުން އިސްތިއުފާ ދިނުމަށް ފަހު ޓަވޭޗިއޯ ބުނީ އޭނާގެ ބޯޑުގެ އަރިހުން ވެސް އިސްތިއުފާ ދިނުމަށް އެދުނު ކަމަށާއި އެހެނަސް ބޯޑު މެމްބަރުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ. އަދި އޭނާގެ ޒިންމާއަކީ ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭ އައު އިންތިހާބެއް ބޭއްވެން ދެން އެ އިދާރާގެ ކަންކަން ބެލެހެއްޓުން ކަމަށް ވެސް ޓަވޭޗިއޯ ބުނެފައިވެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓަވޭޗިއޯ ބުނީ އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ވެންޗޫރާ އައްޔަނުކުރީ އޭނާ ނޫން ކަމަށާއި އެކަން އެގޮތަށް ކުރީ މާސެލޯ ލިއްޕީ ކަމަށެވެ. ހަމައެހެންމެ އޭނާ ވެސް ބައެއް ޒިންމާތައް ނަގަން ޖެހޭ ކަމަށާއި ސްވިޑެން އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ލެގުގައި ދެވަނަ ހާފު ފެށުމުގެ ކުރިން ކޯޗު ވަކިކުރަން އޭނާ ބޭނުންވި ކަމަށް ޓަވޭޗިއޯ ހާމަކުރިއެވެ.

ޓަވޭޗިއޯ ބުނީ ޖޫން މަހުގެ ކުރިން ކޯޗެއް އައްޔަނުކުރެވެން ނެތް ކަމަށާއި އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ބެހޭގޮތުން ފަސް ކޯޗަކާއި މަޝްވަރާކުރި ކަމަށެވެ. އެހެނަސް އެއްވެސް ކޯޗަކަށް ޖޫން މަހުގެ ކުރިން އެ މަގާމާއި ހަވާލުވެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް ޓަވޭޗިއޯ ހާމަކުރިއެވެ. ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި އިޓަލީގެ ގައުމީ ޓީމަށް ކޯޗަކު އައްޔަނު ނުކުރެވިގެން އުޅެނީ ޓަވޭޗިއޯ ރައީސް ކަމުގެ މަގާމުގައި ހުންނާތީއެވެ. އެހެނަސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ޓަވޭޗިއޯގެ ރިޔާސަތުގައި އިޓަލީގެ ގައުމީ ޓީމަށް މާ އެދެވޭ ކާމިޔާބުތަކެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އޭނާގެ ރިޔާސަތުގައި އިޓަލީގެ ގައުމީ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރުމެވެ. ނަސްލީ ތަފާތުކުރުމަށް ބާރުދޭ ގޮތަށް ވާހަކަ ދެއްކުމާއި ވިދިގެން ޔުއެފާއިން 2014 ވަނަ އަހަރު ޓަވޭޗިއޯ ސަސްޕެންޑް ވެސް ކުރިއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް