ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 08:00
ލިވަޕޫލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ
ލިވަޕޫލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ
ގޯލް.ކޮމް
ފިލިޕޭ ކުޓީނިއޯ
އަންނަ ސީޒަނުގައި ކުޓީނިއޯ ޕީއެސްޖީއިން ފެނިދާނެ!
ޕީއެސްޖީގެ ކެޕްޓަން ވަނީ މިފަދަ އިޝާރާތެއް ކޮށްފައި
ޕީއެސްޖީއިން ކުޓީނިއޯގެ ޓްރާންސްފާ ފީ ދައްކަން ފަސް ނުޖެހޭނެ

އަންނަ ސީޒަނުގައި ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ފްރާންސްގޭ ޕީއެސްޖީގެ ކުޅުންތެރިޔެއްގެ ގޮތުގައި ފެނިދާނެ ކަމަށް ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފިއެވެ.

ކުޓީނިއޯގެ ކުރިމަގާއި ގުޅޭގޮތުން ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ތިއާގޯ ސިލްވާ ބުނެފައިވަނީ ކުޓީނިއޯ އާއި ވަރަށް ވާހަކަ ދެކެވޭ ކަމަށާއި އަންނަ ސީޒަން ފަށާއިރު އޭނާ ޕީއެސްޖީއަށް ގުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކުޓީނިއޯ ޕީއެސްޖީއަށް ބަދަލުވާނެ ކަމާމެދު ވިސްނާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ހުރިހާ އެންމެން ސިއްސުވާލުމަށް ފަހު ޕީއެސްޖީއަށް އޭނާ ބަދަލުވުމަކީ ވަރަށް އެދޭ ކަމެއް ކަމަށް ތިއާގޯ ސިލްވާ ވަނީ ބުނެފައެވެ.

ޕީއެސްޖީއިން ކުޓީނިއޯ ގެންދަން ޝައުގެވެރިކަން ފާޅުކޮށްފައިވާއިރު އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއިންނެވެ. އެގޮތުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން އޭނާ ހޯދުމަށް ބިޑު ކޮށްފައެވެ. ބާސާއިން ކުޓީނިއޯ ހޯދުމަށް 130 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް ލިވަޕޫލްއިން ބުނެފައިވަނީ އޭނާ ދޫކޮށްލާނީ 200 މިލިއަން ޔޫރޯއަށް ވުރެ ކުޑަނުވާނެ އަގަކަށް ކަމަށެވެ.

ޕީއެސްޖީއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ވަނީ 200 މިލިއަން ޔޫރޯގެ ކުޅުންތެރިޔެއް ގެނެސްފައެވެ. އެގޮތުން ބާސާއަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ޕީއެސްޖީއާއި ގުޅިފައިވަނީ 222 މިލިއަން ޔޫރޯއަށެވެ. އެހެންކަމުން ކުޓީނިއޯ ހޯދުމަށް އެ ޓީމުން 200 މިލިއަން ޔޫރޯ ބިޑު ކުރަން ފަސް ނުޖެހޭނެ ކަމަށް ބެލެވެއެވެ.

ކުޓީނިއޯ ޕީއެސްޖީގެ ޖާޒީގައި ފެނުމުގެ ފުރުސަތު ބޮޑުވެގެން ދަނީ އެ ޓީމަކީ ފައިސާގެ އެއްވެސް ދަތިކަމެއް ނެތް ޓީމަކަށް ވާތީއެވެ. ތިއާގޯ ސިލްވާ އެކަން ފާހަގަކޮށް ބުނެފައިވަނީ ނޭމާ އެ ޓީމަށް ގެނައި ގޮތަށް ކުޓީނިއޯ ވެސް އެ ޓީމަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ތިއާގޯ ސިލްވާ ބުނެފައިވަނީ ނޭމާއަށް ވެސް އޭނާ އިރުޝާދު ދޭ ކަމަށާއި ހަމައެގޮތަށް ކުޓީނިއޯ އަށްވެސް އޭނާ އިރުޝާދު ދޭ ކަމަށެވެ. އެހެނަސް އިރުޝާދު ދިނަސް އެންމެ މުހިންމު ކަމަކީ އެ އިރުޝާދުގެ ބޭނުން ހެޔޮގޮތުގައި ހިފުން ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ބްރެޒިލްގެ ގައުމީ ޓީމުގައި މުހިންމު ރޯލުތައް އަދާކުރާ ތިން ކުޅުންތެރިންނެވެ.

ބެލެވޭ ގޮތުގައި ކުޓީނިއޯ ޕީއެސްޖީއަށް ގެނައުމުގައި ތިއާގޯ ސިލްވާ ވަރަށް މުހިންމު ރޯލެއް އަދާކުރާނެއެވެ.

ދާދިފަހުން ކުޓީނިއޯ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ލިވަޕޫލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އެ ކްލަބް ދޫކޮށްލުމުގެ ހިޔާލެއް މިވަގުތު ނުގެންގުޅޭ ކަމަށެވެ. ކުޓީނިއޯ ޕީއެސްޖީއަށް ގެންދަން މަސައްކަތް ކުރަމުން އަންނައިރު އޭނާ ކުރިން ދިން އިންޓަވިއުތަކުގައި ބުނެފައިވަނީ އަބަދުވެސް އެންމެ ކުޅެން ބޭނުންވަނީ ސްޕެއިންގެ ބާސެލޯނާއަށް ކަމަށެވެ.

މި ސީޒަނުގެ ކުރީކޮޅު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޓީމުން އޭނާއަށް ފުރުސަތު ގެއްލުނު ނަމަވެސް އަނިޔާއިން އެނބުރި އައިސް ކުޓީނިއޯ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ޓީމަށް މި ސީޒަނުގެ މިހާތަނަށް ކުޅުނު ނުވަ މެޗުގައި ހަތަރު ލަނޑު ޖަހައިދީ ތިން އެސިސްޓް ހަދާފައެވެ.

ލިވަޕޫލްއާއެކު 2022 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓް ހަދާފައިވާ ކުޓީނިއޯ އެ ޓީމަށް ބަދަލުވެފައި ވަނީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ޓީމަށް ބަދަލުވިފަހުން މިހާތަނަށް އެ ޓީމަށް ކުޅެދިން 190 މެޗުގައި 46 ލަނޑު ޖަހައިދީފައެވެ.

ލިވަޕޫލްގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ފުޓްބޯޅައިގެ ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ފަރާތްތަކުން އަންނަނީ އޭނާ އެހެން ޓީމަކަށް ބަދަލުވުމަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް