ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 14:50
ކޮންޓޭ އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހުރިއިރު
ކޮންޓޭ އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހުރިއިރު
ގެޓީ އިމޭޖަސް
އިޓަލީގެ ގައުމީ ޓީމު
އިޓަލީގެ ކޯޗަކަށް އަނެއްކާ ވެސް ކޮންޓޭ!
ކޮންޓޭ ވަނީ 2016 ވަނަ އަހަރު ވެސް އިޓަލީގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައި
މިވަގުތު ކޮންޓޭ ހުރީ ޗެލްސީގެ ކޯޗުގެ ގޮތުގައި

އިޓަލީގެ ގައުމީ ޓީމުގެ ކޯޗަކަށް އަލުން އަނބުރާ އެންޓޯނިއޯ ކޮންޓޭ ގެންނަން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެކުރިން ވެސް ކޮންޓޭ ވަނީ އިޓަލީގެ ކޯޗުގެ މަގާމު އަދާކޮށްފައެވެ. ކޮންޓޭ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެ ޓީމު ކޮލިފައި ކޮށްދީ ރަނގަޅު ނަތީޖާތަކެއް އެ ޓީމަށް ހޯދައިދީފައެވެ. އެގޮތުން ފްރާންސްގައި ބޭއްވި ޔޫރޯގައި ކޮންޓޭ ވަނީ އެވެރެޖް ކުޅުންތެރިން ތިބި ސްކޮޑަކާއެކު އިޓަލީ ކުއާޓާ ފައިނަލަށް ގެންގޮސްދީފައެވެ.

އިޓަލީގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ 1958 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާއި ވިދިގެން އޭރު ކޯޗުގެ ގޮތުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ އެ މަގާމުން ވަކިކުރުމުންނެވެ. ކޮލިފައިންގެ ގްރޫޕުގެ ދެވަނަ ލިބުމާއި ވިދިގެން ކުޅުނު ޕްލޭއޮފް މެޗުތަކުގައި އިޓަލީ ވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެފައެވެ. މި ނަތީޖާގެ ސަބަބުން 59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައެވެ.

މި ހަފްތާގެ ތެރޭގައި އިޓަލީގެ ކޯޗުގެ މަގާމަށް އައު ކޯޗަކު ގެންނާނެ ކަމަށް ބެލެވޭއިރު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާލޯ ޓަވޭޗިއޯ ވިދާޅުވީ ކޮންޓޭ އަކީ އެ މަގާމަށް އެންމެ އެކަށީގެންވާ މީހާކަމަށް ގަބޫލް ކުރެވޭ ކަމަށެވެ. އެގޮތުން ރޮބާޓޯ މަންސިނީ އާއި މަސީމޯ އަލެގްރީގެ އިތުރުން ކާލޯ އަންޗެލޯޓީއަށްވުރެ އެ މަގާމަށް އައުން އެންމެ ގާތް މީހަކީ ކޮންޓޭ ކަމަށް ޓަވޭޗިއޯ ވިދާޅުވިއެވެ.

ކޮންޓޭ މިވަގުތު ހުރީ ޗެލްސީގެ ކޯޗުގެ ގޮތުގައި ކަމަށްވާއިރު އެ ހަތަރު ކޯޗުންގެ ތެރެއިން މިވަގުތު އެއްވެސް ޓީމަކާއި ހަވާލުވެގެން ނެތް ހަމައެކަނި ކޯޗަކީ ދާދިފަހުން ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުން ވަކިކުރި ކާލޯ އަންޗެލޯޓީއެވެ.

ޔުވެންޓަސްގެ ކޯޗު އަލެގްރީ އިޓަލީގެ ކޯޗުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭނާ ބުނީ މިއީ އެ މަގާމާއި ހަވާލުވާން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. މި ސީޒަނުގައި އޭނާ އެ މަގާމުން ނުފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްއިރު މުސްތަގުބަލުގައި އޭނާ އެ މަގާމުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އިޓަލީގެ ބޮޑު ނާކާމިޔާބާއި ގުޅޭގޮތުން ޓަވޭޗިއޯ ވިދާޅުވީ އެ ކަމުގެ ހުރިހާ ޒިންމާއެއް އޭރުގެ ކޯޗު ވެންޗޫރާ ނަގަން ޖެހޭނެ ކަމަށާއި ހުރިހާ ކޯޗިން ސްޓާފުން ވެސް ހަމަޖެއްސީ އޭނާ ކަމަށެވެ. އަދި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އެއްވެސް ނުފޫޒެއް ގައުމީ ޓީމަށް ފޯރުވާފައި ނުވާނެ ކަމަށް ޓަވޭޗިއޯ ވިދާޅުވިއެވެ.  

ވެންޗޫރާގެ ބަދަލުގައި އައު ކޯޗެއް އިޓަލީއިން ހޯދަމުން އަންނައިރު އެ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އަދި ކޮންޓޭ ގެންނަން ބޭނުންވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ބުނެފައިވާއިރު ޗެލްސީގެ މެނޭޖްމަންޓާއި ކޮންޓޭއާއި ދެމެދު މައްސަލަ އުޅޭ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް