ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 08:25
ޔުވެންޓަސް އާއި ސަމްޕްދޯރިއާ ކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސް އާއި ސަމްޕްދޯރިއާ ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: ޔުވެންޓަސް ބަލިވެ ނަޕޯލީއަށް ހިތްހަމަޖެހުން
ސަމްޕްދޯރިއާގެ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވެފައިވަނީ 3-2 ގެ ނަތީޖާއަކުން
ނަޕޯލީ އިން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށްފައި
މި ސީޒަނުގައި ނަޕޯލީ އެއްވެސް މެޗަކުން ބަލިވެފައެއް ނުވޭ

އިޓާލިއަން ސެރީއޭގައި ޔުވެންޓަސް ކުޅުނު މެޗުން އެ ޓީމު ބަލިވިއިރު، އޭސީ މިލާން ބަލިކޮށް ނަޕޯލީ އިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސަމްޕްދޯރިއާގެ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސް އިން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް އެ ހަމަލާތަކުގެ އެންމެ އެދެވޭ ބޭނުން ހިފިފައެއް ނުވެއެވެ. އެހެނަސް ސަމްޕްދޯރިއާއިން ވަނީ އެ ޓީމަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު ސަމްޕްދޯރިއާއިން ވަނީ ޔުވެންޓަސްއަށް ޖަވާބުދޭނެ ފުރުސަތެއް ނުދީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފޯވާޑް ޑޫވާން ޒަޕާޓާއެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލޫކަސް ޓޮރެއިރާ ދެވަނަ ލަނޑު ޖަހައިދިން އިރު އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރު ޖިއަން މާކޯ ފެރާރީއެވެ.

ސަމްޕްދޯރިއާ އިން ޖެހި ތިން ލަނޑަށް ޔުވެންޓަސްއަށް ޖަވާބުދެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. އެގޮތުން ޔުވެންޓަސްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ގޮންޒާލޯ ހިގުއައިން ޖަހައިދިން އިރު ދެވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ ބެންޗުން ކުޅެންއެރި ޕައުލޯ ޑިބާލާއެވެ.

ޔުވެންޓަސް ހިތްދަތި ގޮތަކަށް ބަލިވިއިރު، ނަޕޯލީ އިން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށް އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ނަޕޯލީ އިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޖޯޖީނިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިޓަލީގެ ޒުވާން ފޯވާޑް ލޮރެންޒޯ އިންސައިންއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނަޕޯލީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ކުޅުން އިތުރަށް ވަރުގަދަކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނެޓުގައި މާޓެންސް ތަނަވަސްކޮށްދިން ފުރުސަތަކުން ޕޮއިޓްރް ޒިލެންސްކީ ވަނީ ލަނޑެއް ޖަހައިދީ ނަޕޯލީގެ ލީޑު ފުޅާ ކޮށްދީފައެވެ. އޭސީ މިލާނުގެ ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ޖަހައިދިނީ އަލޭސިއޯ ރޯމަނޯލީއެވެ.

މި ނަތީޖާ އާއިއެކު ނަޕޯލީ އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ޔުވެންޓަސްއަށް 31 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 26 ޕޮއިންޓާއެކު ސަމްޕްދޯރިއާއަށް ލިބެނީ ހަވަނައެވެ. އަދި 19 ޕޮއިންޓާއެކު އޭސީ މިލާން އޮތީ ހަތްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް