ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ މައިލޯ އިންވިޓޭޝަނަލް ކަޕުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކްލަބް މޯލްޑިވްސް އާއި ހުޅުމާލޭ ސްޕޯޓްސް ސްކޫލް ގުޅިގެން ބާއްވާ މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މާބްލް ހޮޓަލުގެ ސެމިނާ ރޫމްގައެވެ. މި މުބާރާތަކީ 14 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތަކަށް ވާއިރު އެހެން ގައުމުތަކުގެ ޓީމުތަކުން ވެސް މި މުބާރާތުގައި ވާދަކުރާނެއެވެ. އެގޮތުން ސްރީ ލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކަޑަމީގެ ދެ ޓީމަކާއި އިންޑިއާގެ ޓިޕްސް އެފްސީގެ ޓިމެއް މި މުބާރާތުގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 10 ޓީމު ބައިވެރިވި މި މުބާރާތުގައި ދެން ވާދަކުރާނީ ރާއްޖޭގައި ހިންގަމުން އަންނަ އެކަޑަމީތަކުން ހޮވާލެވޭ ޓީމުތަކެވެ. އެގޮތުން އީގަލްސް ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، މޯލްޑިވްސް ސޮކާ ވެޓެރަންސް އެސޯސިއޭޝަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)، ބީޖީ ސްޕޯޓްސް އެކަޑަމީގެ އިތުރުން ހުޅުމާލޭ ސްޕޯޓްސް ސްކޫލަށް ނިސްބަތްވާ ޓީމުތައް މި މުބާރާތުގައި ވާދަކުރާނެއެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ސެމީގެ ޖާގައެއް ލިބިގެން ދާނެއެވެ.
މި މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނެނީ ސްރީ ލަންކާގެ މެންޗެސްޓާރ ޔުނައިޓެޑްގެ ރަތް ޓީމާއި ބީޖީ ސްޕޯޓްސް އެކަޑަމީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، ކްލަބް އީގަލްސްގެ އެކަޑަމީގެ އިތުރުން މޯލްޑިވްސް ސޮކާ މޭޓްސްގެ ޓީމެވެ.
މި މުބާރާތުގެ ގްރޫޕް 'ބީ' ގައި ހިމެނެނީ ސްރީ ލަންކާގެ މެންޗެސްޓާރ ޔުނައިޓެޑްގެ ހުދު ޓީމާއި އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)، ހުޅުމާލޭ ސްޕޯޓްސް ސްކޫލް، މޯލްޑިވްސް ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ އިތުރުން ޓިޕްސް އެފްސީގެ ޓީމެވެ.
މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތަށް ވާއިރު މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މައިލޯއެވެ. އަދި ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ ދިރާގުއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިގެން ހިންގާ މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މި މަހުގެ 26 އިން ފެށިގެން 28 ހަމަޔަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ.