ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 10:02
ހޯސޭ މޮރީނޮއޯ - މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު އޭނާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދައި ދެމުން
ހޯސޭ މޮރީނޮއޯ - މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު އޭނާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދައި ދެމުން
ސްކައި ނިއުސް
މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑްގެ ކޯޗުކަމުގައި ދެމިހުންނަން ބޭނުންނުވާ ކަމުގެ އިޝާރާތެއް މޮރީނިއޯ ދީފި
މޮރީނިއޯ ވަނީ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމުގެ އިޝާރާތެއް ދީފައި
މޮރީނިއޯގެ ކޮންޓްރެކްްޓުގައި ބާކީ އޮތީ ދެ އަހަރު

އިނިގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުގައި ދެމިހުންނަން ބޭނުންނުވާ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ދީފިއެވެ.

ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މޮރީނިއޯ މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ 'މިރާރ' އަށް ދިން އިންޓަވިއުއެއްގައެވެ. ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ޔުނައިޓެޑަށް މާ އެދެވޭ ނަތީޖާތަކެއް ނުލިބުމުން މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު މޮރީނިއޯ އަންނަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ.

އެގޮތުން މޮރީނިއޯގެ ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ޔުނައިޓެޑަށް ޔުއެފާ ޔުރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްދީފައެވެ. ހަމައެހެންމެ މި ސީޒަނުގައި ވެސް އެ ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށްވާއިރު އެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައެވެ. އަދި މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ވެސް ޖާގަ ހޯދާފައެވެ.

މި އިންޓަވިއުގައި މޮރީނިއޯ ބުނެފައިވަނީ އޭނާ ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވެފައިވަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށާއި އެ ކޮންޓްރެކްޓްގައި ސޮއެ ކޮށްފައިވަނީ ޔުނައިޓެޑު ރަނގަޅު މިސްރާބަކަށް ގެންދިޔުމުގެ ވިސްނުމުގައި ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދެނީ ވާދަކުރާ މުބާރާތްތަކުން ޗެމްޕިއަންކަން ހޯދުމަށް ކަމަށް މޮރީނިއޯ ހާމަކުރިއެވެ.

މޮރީނިއޯ މިހެން ބުނުމަކީ ކޮންޓްރެކްޓް ހަމަވުމުން އޭނާ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ މާހިރުން އަންނަނީ ބުނަމުންނެވެ.

އޭނާ ބުނެފައިވަނީ ޕްރިމިއާ ލީގަކީ އެންމެ މުހިންމު މުބާރާތް ކަމަށާއި މި ސީޒަނުގެ އެންމެ ބޮޑު އަމާޒަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން ކަމަށެވެ. އެހެނަސް އެތަކެއް ޓީމުތަކަކުން މި މުބާރާތުގެ ތައްޓަށް ވާދަކުރަމުން އަންނަ ކަމަށާއި ކޮލިޓީ ޓީމުތަކާއި ދެކޮޅަށް ކުޅެން ޖެހުމުން މި އަމާޒަށް ވާސިލުވުމަށް ހުރަސްތަކަކާއި ދިމާވާނެ ކަމަށް ގަބޫލްކުރެވޭ ކަމަށް އޭނާ ބުނެފައިވެއެވެ.

މި އިންޓަވިއުގައި މޮރީނިއޯ ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިނގިރޭސި ޓީމުތަކަށް އެ މުބާރާތް ކާމިޔާބު ކުރަން ވަރަށް އުނދަގޫވާ ކަމަށެވެ. އެގޮތުން އެހެން ގައުމުތަކުގެ ޓީމުތަކައް ފިނި މޫސުމުގައި ޗުއްޓީ ލިބޭ ކަމަށާއި ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރު އަންނައިރު އިނގިރޭސި ޓީމުތަކަށް ވަރުބަލިކަން މާ ބޮޑަށް އިހުސާސު ކުރެވޭ ކަމަށެވެ. ހަމައެހެންމެ އިނގިރޭސިވިލާތުގެ ކުޑަ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތައް ވެސް މާ އުނދަގޫ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

އިންޖަރީގެ ސަބަބުން ޔުނައިޓެޑަށް މި ސީޒަނުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާއިރު އިންޓަނޭޝަނަލް ބްރޭކަށްފަހު އެ ޓީމު އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް