ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 23:30
ޖިއަން ޕިއެރޯ ވެންޗޫރާ - އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އޭނާ ވަނީ މަގާމުން ވަކި ކޮށްފައި
ޖިއަން ޕިއެރޯ ވެންޗޫރާ - އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އޭނާ ވަނީ މަގާމުން ވަކި ކޮށްފައި
ގެޓީ އިމޭޖަސް
އިޓަލީގެ ގައުމީ ޓީމު
އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި
ވެންޗޫރާ އިޓަލީގެ ކޯޗުގެ ގޮތުގައި ހުރެ ހޯދާފައިވަނީ ދަށް ނަތީޖާތަކެއް

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ޖިއަން ޕިއެރޯ ވެންޗޫރާ ވަކިކޮށްފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގްރޫޕް ސްޓޭޖުގައި ގްރޫޕުގެ ދެވަނަ ލިބުމާއި ވިދިގެން ޕްލޭ އޮފްގައި  ވާދަކުރި އިޓަލީގެ ޓީމު ވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައެވެ.

ސްވިޑެން އާއި ދެކޮޅަށް ގައުމުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުން 1-0 އިން އިޓަލީ ބަލިވިއިރު އަމިއްލަ ގައުމުގައި އެ ޓީމަށް މި ނަތީޖާ އަނބުރާލެވިފައެއް ނުވެއެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ވޯލްޑް ކަޕުން އިޓަލީ ނުފެނުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ވެންޗޫރާއެވެ. ވެންޗޫރާ އެ މެޗަށްފަހު އިސްތިއުފާ ދޭނެ ކަމަށް ބެލެވުނު ނަމަވެސް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އޭނާ މަގާމުން ވަކި ކޮށްފައެވެ.

ހޯމަ ދުވަހުގެ މެޗަށް ފަހު ވާހަކަ ދައްކަމުން ވެންޗޫރާ ބުނެފައިވަނީ އިސްތިއުފާ ދީފައި ނުވަނީ އިޓަލީގެ އެފްއޭގެ ޗެއާމަން އާއި ވާހަކަ ދެއްކުމަށް ކަމަށާއި ޕްލޭއޮފް އާއި ހަމަޔަށް ޓީމުން ފެންނަމުން ދިޔައީ ކުރިއެރުން ކަމަށެވެ. އެނާ ވަނީ ބޭނުންވި ނަތީޖާ ނުނެރެވުނީތީ އިޓަލީގެ ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގެ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު އަތުން އިޓަލީ ބަލިވުމާއެކު އޭރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަކިކުރުމަށްފަހު ވެންޗޫރާއަށް ކޯޗުގެ މަގާމު ހަވާލު ކޮށްފައިވަނީ އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ވޯލްޑް ކަޕަށް އެ ޓީމުގެ ގެންގޮސްދޭނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އިޓަލީގެ ކޯޗުކަމުގެ މަގާމުގައި އޭނާ ވޭތުކުރި ދޮޅު އަހަރުގެ ތެރޭގައި މާ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.

ވެންޗޫރާގެ ކޯޗުކަމުގެ ދަށުން އިޓަލީއަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުނުއިރު އެ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ޖިއަންލުއީޖީ ބުފޮން އާއި ޑިފެންޑަރު އަންދްރެއާ ބަރްޒަގާލީގެ އިތުރުން މިޑްފީލްޑަރު ޑެނިއެލޭ ޑެރޮސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

އިޓަލީ އާއި ނުލައި ވޯލްޑް ކަޕްގެ ފޯރި ވަރަށް ކުޑަވާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެ ޓީމުން ވަނީ ހަތަރު ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް