ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 21:11
ޑިއޭގޯ މެރަޑޯނާ - އާޖެންޓީނާގެ ކޯޗުކަމުގެ މަގާމު އަލުން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައި
ޑިއޭގޯ މެރަޑޯނާ - އާޖެންޓީނާގެ ކޯޗުކަމުގެ މަގާމު އަލުން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައި
ގެޓީ އިމޭޖަސް
އާޖެންޓީނާގެ ގައުމީ ޓީމު
އާޖެންޓީނާގެ ކޯޗުގެ މަގާމު ބޭނުން: މެރަޑޯނާ
މެރަޑޯނާ ވަނީ މީގެ ކުރިން 24 މެޗެއްގައި އެ ޓީމަށް އިރުޝާދުދީފައި

އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމާއި އަލުން ހަވާލުވާން ބޭނުންވާ ކަމަށް އެ ޓީމުގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ބުނެފިއެވެ.

ރަހުމަތްތެރިކަމުގެ މެޗެއްގައި 4-2 ނަތީޖާއަކުން ނައިޖީރިއާ އަތުން އާޖެންޓީނާ ބަލިވި މެޗަށް ފަހު އޭނާގެ އަމިއްލަ އިންސްޓަގްރަމްގައި ލިޔުނު ޕޯސްޓެއްގައި މެރަޑޯނާ ބުނެފައިވަނީ އާޖެންޓީނާގެ ކޯޗުކަމާއި އަލުން ހަވާލުވާން ބޭނުންވާ ކަމަށާއި އޭނާ ކޯޗުކަމުގައި ހުރިއިރު އެ ޓީމު މާ ރަނގަޅު ނަތީޖާ ހޯދާފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ވަނީ އެހެން ކޯޗުންނާއި، އޭނާ ކޯޗުކަމުގެ މަގާމުގައި ހުރިއިރު އާޖެންޓީނާ އިން ހޯދާފައިވާ ނަތީޖާތަކުގެ ތަފްސީލު ވެސް އާންމު ކޮށްފައެވެ.

މެރަޑޯނާ ވަނީ މީގެ ކުރިން އާޖެންޓީނާގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ކުޅުނު 24 މެޗުގެ ތެރެއިން އެ ޓީމު ވަނީ 18 މެޗު ކާމިޔާބު ކޮށްފައެވެ. މެރަޑޯނާ އާޖެންޓީނާގެ ކޯޗުކަމުގެ މަގާމުން ވަކިކޮށްފައި ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުން 4-0 ގެ ލަދުވެތި ނަތީޖާއަކުން ބަލިވުމާއި ވިދިގެންނެވެ.

މެރަޑޯނާއަކީ ކޯޗެއްގެ ގޮތުގައި ކާމިޔާބު މީހަކަށް ނުވިޔަސް އޭނާއަކީ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ގިނަ ކާމިޔާބު ހޯދާފައިވާ މީހެކެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި 34 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާވަނީ އެ ޓީމާއެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

އާޖެންޓީނާގެ ކޯޗުކަމާއި މެރަޑަނޯ އަލުން އަނބުރާ ހަވާލުވާން ބޭނުންވާ ވާހަކަ ބުނެފައިވާއިރު އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރީ ހޯސޭ ސަމްޕައޯލީއެވެ. އޭނާ ވަނީ އެ ޓީމަށް އަންނަ އަހަރު އޮންނަ ވޯލްޑް ކަޕުގެ ޖާގައެއް ހޯދައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް