ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 19:52
ފެޑެރާ އަދި ޒަވަރޭވް ކުޅުނު މެޗުގެ ތެރެއިން
ފެޑެރާ އަދި ޒަވަރޭވް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އޭޓީޕީ ވޯލްޑް ޓުއަރ ފައިނަލްސް
އޭޓީޕީ ފައިނަލްސް: ޒަވަރޭވް ބަލިކޮށް ފެޑެރާ ސެމީއަށް
ފެޑެރާ ވަނީ އެލެކްޒެންޑާ ޒަވަރޭވް ދެ ސެޓު އެއް ސެޓުން ބަލިކޮށްފަ
އެމެރިކާގެ ޖެކް ސޮކް ވަނީ ދެ ސެޓު އެއް ސެޓުން ކްރޮއޭޝިއާގެ މަރިން ސިލިޗް ބަލިކޮށްފަ

ލަންޑަނުގައި މިހާރު ކުރިޔަށްދާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި ޖަރުމަނުގެ އެލެކްޒެންޑާ ޒަވަރޭވް ބަލިކޮށް ރޯޖާ ފެޑެރާ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޓެނިސް ސީޒަން ނިންމާލުމަށް ކުޅޭ ޝަރަފުވެރި މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާ ފެޑެރާ ވަނީ ބޮރިސް ބެކާ ގްރޫޕުގެ ރައުންޑް ރޮބިން ދެވަނަ މެޗުގައި ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑާ ޒަވަރޭވް ދެ ސެޓު އެއް ސެޓުން ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ފެޑެރާ ގެންދިޔަ ނަމަވެސް ޒަވަރޭވް ވަނީ 7-5 ދެވަނަ ސެޓު ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި މެޗުގެ ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓު 6-1 އިން ގެންގޮސް ފެޑެރާ ވަނީ މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިއީ ފެޑެރާގެ ކެރިއަރުގައި މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި 14 ވަނަ ފަހަރެވެ.

މެޗު ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ ޒަވަރޭވްއަކީ މުސްތަގުބަލުގައި ވަރަށް ކުރިއަރާނެ ކުޅުންތެރިޔެއް ކަމަށާއި ގްރޫޕުގެ ފަހު މެޗުގައި ކްރޮއޭޝިއާގެ މަރިން ސިލިޗްއާ ދެކޮޅަށް އެއްވެސް ޕްރެޝަރެއް ނެތި ކުޅެން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި މެޗާއި ކުރިމަތިލުމުގެ ކުރިން ޒަވަރޭވް ވެގެން ގޮސްފައިވަނީ މި ސީޒަނުގައި ފެޑެރާގެ މައްޗަށް ކުރިހޯދި ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކަށެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި މިވަގުތު ރޭންކު ކުރެވިފައި އޮތް އެމެރިކާގެ ޖެކް ސޮކް ވަނީ ދެ ސެޓު އެއް ސެޓުން ކްރޮއޭޝިއާގެ މަރިން ސިލިޗް ބަލިކޮށް ސެމީގެ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-5 ސިލިޗް ގެންދިޔަ ނަމަވެސް ސޮކް ވަނީ ފަހުން ކުޅުނު ދެ ސެޓު 6-2 އަދި 7-6 އިން ގެންގޮސް މި މެޗު ކާމިޔާބު ކޮށްފައެވެ.

މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބިގެން ދާނީ ގްރޫޕުގެ ފަހު މެޗުގައި ސޮކްއާއި ޒަވަރޭވް ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކަށެވެ.

ފެޑެރާއަށް ވަނީ މި މުބާރާތް ހަތް ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ ފުރުސަތު ހުޅުވިފައެވެ. އެގޮތުން ޕީޓް ސެމްޕްރާސްގެ ގްރޫޕުގައި ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަދާލް ވަނީ އޭނާ ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން މުބާރާތުން ވަކިވެފައެވެ. ނަދާލްގެ ބަދަލުގައި މި މުބާރާތުގައި ވާދަކުރާނީ ސްޕެއިންގެ ޕަބްލޯ ކަރޭނާ ބުސްޓާއެވެ.

ފެޑެރާ މި މުބާރާތް ކާމިޔާބުކުރި ކަމުގައި ވިޔަސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ނުލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް