ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 19:43
ޖެހިޖެހިގެން ހަަތަރު ވަނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފަހު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޖެހިޖެހިގެން ހަަތަރު ވަނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފަހު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
އަހްމަދު ސާއިފް ޝިޔާދް
ފީފާ ވޯލްޑް ކަޕް 2018
ހޮންޑިއުރާސް ބަލިކޮށް ޖެހިޖެހިގެން ހަތަރު ވަނަ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިވެއްޖެ
އޮސްޓްރޭލިއާ ވަނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ހޮންޑިއުރާސް ބަލިކޮށްފައި
މިއީ އޮސްޓްރޭލިއާ ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިވި ހަތަރު ވަނަ ފަަހަރު
އޮސްޓްރޭލިއާ އަކީ ވޯލްޑް ކަޕަށް ކޮލިފައިވި 31 ވަނަ ޓީމު

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިންގެ ޕްލޭއޮފްގައި ހޮންޑިއުރާސް ބަލިކޮށް އޮސްޓްރޭލިއާ ޖެހިޖެހިގެން ހަތަރު ވަނަ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ ލެގުގައި އޮސްޓްރޭލިއާ އިން ވަނީ 3-1 އިން އަމިއްލަ ގައުމުގައި ހޮންޑިއުރާސް ބަލިކޮށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެ އޮވެގެން ނިމުނުއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޮސްޓްރޭލިއާ އިންނެވެ. މި ލަނޑަކީ ހޮންޑިއުރާސްގެ ޑިފެންޑަރު މެއިނާ ފިގުރޯއާ އޮސްޓްރޭލިއާގެ ހިލޭ ޖެހުމެއް ދިފާއުކުރަން އުޅެނިކޮށް އޭނާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޮސްޓްރޭލިއާއަށް މެޗުގެ ލީޑު ފުޅާ ވެގެންދިޔައީ މެޗުގެ 72 ވަނަ މިނެޓުގައި ހޮންޑިއުރާސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީ، މައިލް ޖެޑިނާކް ގޯލުގެ ތެރެއަށް ވައްދާލުމުންނެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޮސްޓްރޭލިއާގެ ރޮބީ ކްރޫސްއަށް ހޮންޑިއުރާސްގެ އޭރިއާ ތެރެއިން ފައުލް ކުރުމާއި ވިދިގެން ރެފްރީ ދިން ޕެނަލްޓީ، ޖެޑިނާކް ވަނީ ގޯލުގެ ތެރެއަށް ވައްދާލައި އޮސްޓްރޭލިއާއަށް ވޯލްޑް ކަޕުގެ ޓިކެޓް ހޯދައިދީފައެވެ. ހޮންޑިއުރާސްގެ އެލިސް އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް އެ ލަނޑަކުން އެ ޓީމަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ވެގެން ގޮސްފައެއް ނުވެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެންދިޔަ މެޗަށްފަހު ވާހަކަ ދައްކަމުން ވޭތެވެދިޔަ ތިން ވޯލްޑް ކަޕުގައި ވެސް ވާދަކުރި އޮސްޓްރޭލިއާގެ ޓީމުތަކުގައި ހިމެނުނު މިޑްފީލްޑަރު މާކް މިލިގަން ބުނެފައިވަނީ މިވަގުތު ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް މިއީ ހައްގު ނަތީޖާއެއް ކަމަށާއި ޕްލޭއޮފް މެޗުތަކެއް ކުޅުމަށްފަހު ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުވި ނަމަވެސް ވަރަށް އުފާވާ ކަމަށެވެ.

އޮސްޓްރޭލިއާ ވެގެން ގޮސްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިއާގެ މޮސްކޯގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވި 31 ވަނަ ޓީމަށެވެ. ވޯލްޑް ކަޕުން ފުރުސަތު ލިބެން އޮތީ ބާކީ އެންމެ ޓީމަކަށް ވާއިރު މި ޖާގައަށް ވާދަކުރަނީ ނިއުޒިލޭންޑާއި ޕެރޫއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް