ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 19:16
ބްރެޒިލްގެ ފޯވާޑް ނޭމާ (ކ) އަދި ޑިފެންޑަރު ކަސަމީރޯ (ވ)
ބްރެޒިލްގެ ފޯވާޑް ނޭމާ (ކ) އަދި ޑިފެންޑަރު ކަސަމީރޯ (ވ)
އޭއެފްޕީ
ނޭމާ - ރެއާލް
ރެއާލްގެ ދޮރުތައް ނޭމާ އަށް ހުރީ ހުޅުވާލެވިފައި: ކަސަމީރޯ
ރެއާލް އަށް ނޭމާ ބަދަލުވުމަކީ ކުރާ އުންމީދެއް
ނޭމާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް

ރެއާލް މެޑްރިޑްގެ ދޮރުތައް ބްރެޒިލްގެ ކެޕްޓަން ނޭމާ އަށް ހުރީ ހުޅުވާލެވިފައި ކަމަށް އެޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ކަސަމީރޯ ބުނެފިއެވެ.

ދާދިފަހުން ވޯލްޑް ރެކޯޑް އަގަކަށް ބާސެލޯނާ އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވި ނޭމާއާ ބެހޭގޮތުން ކަސަމީރޯ ބުނީ، ނޭމާ އަކީ ތަރިއެއް ކަމަށާއި، ރެއާލްގެ ދޮރުތައް އަބަދުވެސް ހުންނާނީ އޭނާ އަށް ހުޅުވާލެވިފައި ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ރަހަމަތްތެރިކަމުގެ މެޗެއްގައި އިންގްލޭންޑް އަތުން ބްރެޒިލް 0-0 ގެ ނަތީޖާއިން އެއްވަރުވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކަސަމީރޯ ބުނީ ނޭމާ ފަދަ ހުނަރުވެރި ކުޅުންތެރިޔަކު ރެއާލްއަށް ބަދަލުވުމަކީ އޭނާ އުންމީދުކުރާ ކަމެއް ކަމަށާއި، އެހެން ނަމަވެސް މިވަގުތު ނޭމާ ޕީއެސްޖީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ބާސާގައި ގިނަ ކާމިޔާބީތައް ހޯދުމަށް ފަހު، ޕީއެސްޖީއަށް ބަދަލުވެ، ނޭމާ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 12 މެޗުގައި ލަނޑު ޖަހާ، ގިނަ ލަނޑުތައް ޖަހައިދިނުމަށް އެހީތެރިވެދީފައެވެ.

ވޯލްޑްކަޕާ ބެހޭގޮތުން ކަސަމީރޯ ބުނީ މުބާރާތުގައި ކޮންމެ ޓީމެއްވެސް ބޭނުންވާނީ ބްރެޒިލް ބަލިކުރަން ކަމަށާއި، އެހެން ނަމަވެސް މުބާރާތުގައި ރަނގަޅު ފައިޓެއް ދެވޭނެ ގްރޫޕެއް ބްރެޒިލްގައި އެބަ އޮތްކަމަށެވެ.

ވޯލްޑްކަޕް  ކޮލިފައިންގައި ބްރެޒިލް ވަނީ ސައުތް އެމެރިކަން ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ބްރެޒިލް ވަނީ ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެފައެވެ. ބާކީ ފަސް މެޗުން އެއްވަރުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ވޯލްޑްކަޕަށް ސައުތް އެމެރިކާ އިން ޖާގަ ހޯދީ ބްރެޒިލްގެ އިތުރުން އުރުގުއޭ، އާޖެންޓީނާ، ކޮލަމްބިއާ އެވެ.  

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް