ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 17:14
އެމެރިކާގެ ކުޅުންތެރިން މި މުބާރާތް ކާމިޔާބު ކުރުމަށް ފަހު
އެމެރިކާގެ ކުޅުންތެރިން މި މުބާރާތް ކާމިޔާބު ކުރުމަށް ފަހު
ބީބީސީ
ފެޑް ކަޕް
17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާއިން ފެޑް ކަޕް ކާމިޔާބު ކޮށްފި
އެމެރިކާ ވަނީ ފައިނަލުގައި ބެލާރޫސް ތިން މެޗު ދެ މެޗުން ބަލިކޮށްފައި
މިއީ އެމެރިކާއިން މި މުބާރާތް ކާމިޔާބުކުރި 18 ވަނަ ފަހަރު

ދުނިޔޭގެ ގައުމުތަކުގެ ގައުމީ އަންހެން ޓެނިސް ކުޅުންތެރިންގެ މެދުގައި ކުޅެވޭ ފެޑް ކަޕްގެ ޗެމްޕިއަންކަން 17 އަހަރަށް ފަހު އެމެރިކާއިން ހޯދައިފިއެވެ.

ވިލިއަމްސް ދެބެއިން ކަމަށްވާ ސެރޭނާ އާއި ވީނަސްއާ ނުލައި މި މުބާރާތާއި ކުރިމަތިލި އެމެރިކާއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބެލާރޫސްގެ މައްޗަށް ތިން މެޗު ދެ މެޗުން ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ކުޅޭ ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކުރާ ޓީމަކަށް ޗެމްޕިއަންކަން ކަށަވަރު ވެގެންދެއެވެ. އެމެރިކާއިން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ސެމީގައި ތިން މެޗު ދެ މެޗުން ޗެކް ރިޕަބްލިކް ބަލިކޮށްގެންނެވެ. އަދި ބެލާރޫސް ފައިނަލުން ޖާގަ ހޯދީ ސެމީގައި ތިން މެޗު ދެ މެދުން ސްވިޓްޒަލޭންޑް ބަލިކޮށްގެންނެވެ.

ބެލާރޫސްގައި ކުޅުނު ފައިނަލްގެ ފުރަތަމަ މެޗުގައި އެމެރިކާގެ ކޯކޯ ވެންޑެހޯ ވަނީ ސީދާ ދެ ސެޓުން ބެލާރޫސްގެ އެލެކްސެންޑްރާ ސަސްނޮވިޗް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވެންޑެހޯ ގެންދިޔައީ 6-4 އަދި 6-4 އިންނެވެ. ބެލާރޫސްއަށް ފައިނަލްގެ ނަތީޖާ ހަމަހަމަ ވެގެންދިޔައީ ދެވަނަ މެޗުގައި އެ ޓީމުގެ އަރީނާ ސަބަލެންކާ ދެ ސެޓު އެއް ސެޓުން އެމެރިކާގެ ސްލޮއާން ސްޓެފަންސް ބަލިކުރުމުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ސަބަލެންކާ ގެންދިޔަ ނަމަވެސް ސްޓެފަންސް ވަނީ ދެވަނަ ސެޓު 6-3 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސަބަލެންކާ މި މެޗު ކާމިޔާބުކުރީ ފަހު ސެޓު 6-4 އިން ގެންގޮސްގެންނެވެ.

އެމެރިކާއަށް ފައިނަލްގެ ލީޑު އަލުން އަނބުރާ ލިބިގެންދިޔައީ ތިން ވަނަ މެޗުގައި ކޯކޯ ވެންޑެހޯ ސީދާ ދެ ސެޓުން ބެލާރޫސްގެ އަރީނާ ސަބަލެންކާ ބަލިކުރުމުންނެވެ. މި މެޗުގެ ސެޓުތައް ވެންޑެހޯ ގެންދިޔައީ 7-6 އަދި 6-1 އިންނެވެ. އެހެނަސް ބެލާރޫސްގެ ސަސްނޮވިޗް ވަނީ ތިން ސެޓު އެއް ސެޓުން އެމެރިކާގެ ސްލޮއާން ސްޓެފަންސް ބަލިކޮށް ފައިނަލްގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދީފައެވެ.

ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމާއި ވިދިގެން ފައިނަލްގެ ނަތީޖާ ނެރުމަށް ކުޅެފައިވަނީ ޑަބަލްސް މެޗެކެވެ. އެގޮތުން މި މެޗުގައި އެމެރިކާގެ ޝެލްބީ ރޯޖާސްއާއި ކޯކޯ ވެންޑެހޯގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ބެލާރޫސްގެ ސަބަލެންކާ އާއި ސަސްނޮވިޗްގެ ޕެއާ ބަލިކޮށް ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާއަށް މި މުބާރާތުގެ ތަށި ހޯދައިދީފައެވެ. މި މެޗުގެ ސެޓުތައް އެމެރިކާގެ ކުޅުންތެރިން ގެންގޮސްފައިވަނީ 6-3 އަދި 7-6 އިންނެވެ.

މިއީ 2000 ވަނަ އަހަރު ލީސާ ރޭމޮންޑް އާއި ލިންޑްސޭ ޑޭވެންޕޯޓް އާއި މޮނިކާ ސޭލްސް އަދި ޖެނިފާ ކަޕްރިއާޓީގެ މައްޗަށް އެކުލެވުނު އެމެރިކާގެ ޓީމުން މި މުބާރާތް ކާމިޔާބު ކުރި ފަހުން އެ ގައުމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާއަކީ 18 ތައްޓާއެކު މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް