ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 15:41
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ގޯލް.ކޮމް
ފިލިޕޭ ކުޓީނިއޯ
ލިވަޕޫލްގައި އަބަދުވެސް ހުންނަނީ އުފަލުން: ކުޓީނިއޯ
ކުޅެމުން މި އަންނަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ލީގަށް
ފޯކަސް މިވަގުތު ހުރީ ގައުމީ ޓީމަށް

ލިވަޕޫލްގައި އަބަދުވެސް ހުންނަނީ އުފަލުން ކަމަށް އެޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ފިލިޕޭ ކުޓީނިއޯ ބުނެފިއެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި ބުދަ ދުވަހު އިންގްލޭންޑާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުޓީނިއޯ ބުނީ އޭނާ ކުޅެމުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ލީގަށް ކަމަށެވެ.

އަންނަ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް ބާސާ އިން ކުޓީނިއޯ އަށް ބިޑުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، ކުޓީނިއޯ ބުނީ އޭނާ ލިވަޕޫލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި، ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ.

ބާސާ އިން ވަނީ މިދިޔަ ޓްރާންސްފާގައި ވެސް ކުޓީނިއޯ ހޯދުމަށް ދެ ފަހަރެއްގެ މަތިން ބިޑު ކޮށްފައެވެ. އެހެން ނަމަވެސް ލިވަޕޫލް އިން އެފަހަރު ކުޓީނިއޯ ވިއްކާލަން އެއްބަހެއް ނުވިއެވެ.

އުމުރުން 25 އަހަރުގެ ކުޓީނިއޯ ބުނީ ކުޅުންތެރިންނެކޭ އެއްފަދައިން އޭނާވެސް ކުރިއެރުން ހޯދަން ބޭނުންވާ ކަމަށާއި، އެގޮތުން ކޮންމެ ދުވަހަކުވެސް ވަރަށް ބުރަކޮށް އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގު ފެށުނުއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކުޓީނިއޯ އަންނަނީ އަނިޔާއިން ސަލާމަތްވެ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް އަށް ކުޅުނު 8 މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.

އިންޓަ މިލާނާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ކުޓީނިއޯ ލިވަޕޫލް އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 190 މެޗުގައި 46 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 31 މެޗުގައި 8 ލަނޑު ޖެހުމުގެ އިތުރުން، ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް