ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 20:20
ވޯލްޑް ކަޕަށް ކޮލިފައިވުމުން މިސްރުގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ވޯލްޑް ކަޕަށް ކޮލިފައިވުމުން މިސްރުގެ ކުޅުންތެރިން އުފާފާޅު ކުރަނީ
އޭއެފްޕީ
ފީފާ ވޯލްޑް ކަޕް 2018
އަރަބި ހަތަރު ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް!
މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ހަތަރު ގައުމަކީ ޓިއުނީޝިއާ އާއި މޮރޮކޯ އަދި ސައުދީ އެރެބިއާ އާއި މިސްރު

އަންނަ އަހަރު ޖޫން މަހުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އަރަބި ހަތަރު ގައުމެއް ފުރަތަމަ ފަހަރަށް ކޮލިފައިވެއްޖެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ހަތަރު ގައުމަކީ ޓިއުނީޝިއާ އާއި މޮރޮކޯ އާއި ސައުދީ އަރަބިއްޔާ އަދި މިސްރެވެ.

ޓިއުނީޝިއާ ވޯލްޑް ކަޕުން ޖާގަ ހޯދީ މެޗަކުން ބަލިނުވެ އެފްރިކާ ބައްރުގެ ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޓިއުނީޝިއާ އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު ވޯލްޑް ކަޕަށެވެ.  އޭގެ ފަހުން 2010 ގައި ސައުތް އެފްރީކާގައި ބޭއްވި ވޯލްޑް ކަޕުންނާއި އަދި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުން ވެސް ޓިއުނީޝިއާއަށް ވަނީ ފުރުސަތު ލިބޭ ގޮތް ނުވެފައެވެ.

ޓިއުނީޝިއާގެ ކޯޗު ނަބީލް މާލޫލް ބުނީ މިއީ ވަރަށް ބުރަ މަސައްކަތުން ހާސިލްކުރެވުނު ކަމެއް ކަމަށާއި އުއްމީދަކީ ރަނގަޅަށް ތައްޔާރުވެ ވޯލްޑް ކަޕުން ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

"މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އަހަރުމެންގެ ބުރަ މަސައްކަތުން. އުންމީދަކީ ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ނެރުން،" ނަބީލް ބުންޏެވެ.

މޮރޮކޯ  ވޯލްޑް ކަޕުން ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި ރަށުން ބޭރުގައި ވަރުގަދަ އައިވަރީ ކޯސްޓް 2-0 އިން ބަލިކުރުމަށް ފަހު އެވެ. އައިވަރީ ކޯސްޓު ކޮޅަށް މޮރޮކޯގެ ލަނޑުތައް ޖެހީ ޔުވެންޓަސްގެ ޑިފެންޑަރު މެހެދީ ބެނަޝިއާ އާއި މިދިޔަ ސީޒަނުގައި މޮނާކޯ އިން ވިދާލި ނަބީލް ދިރާރު އެވެ. މޮރޮކޯ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕް މުބާރާތުގައެވެ. އެފަހަރުގެ މުބާރާތުން މޮރޮކޯ ކަޓާފައި ވަނީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއް ވަރުވެ އެއް މެޗުން ބަލިވެ ޖުމްލަ 4 ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނަ ލިބިގެންނެވެ.

މޮރޮކޯގެ ކޯޗު ހާވް ރެނާޑް ބުނީ އެ ގައުމު މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. މިއީ މުޅި ގައުމަށް ލިބިގެންދިޔަ ފަހުރެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ދުނިޔޭގެ ނިސްބަތުން މޮރޮކޯއަކީ ވެސް ފުޓްބޯޅައިގައި ވަރުގަދަ ގައުމެއް. އެކަން ސާބިތުވެއްޖެ. މިއީ މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ ފަސް ވަނަ ފަހަރު. މިއީ ފަހުރުވެރިވާން ޖެހޭ ކަމެއް،" ރެނާޑް ބުންޏެވެ.

މި ދެ ޓީމުގެ އިތުރުން މިސްރު އަދި ސައުދީ އަރަބިއްޔާވެސް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. މިސްރު ކޮލިފައިވެފައި ވަނީ ކޮންގޯ 0-1 ގެ ނަތާޖާއިން ބަލިކުރުމަށްފަހުއެވެ. މިހާތަނަށް ދެ ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ މިސްރު، އެންމެ ފަހުން ވޯލްޑްކަޕެއްގައި ކުޅެފައިވަނީ  1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގަ އެވެ.

ސައުދި އަރަބިއްޔާ ވޯލްޑް ކަޕުން ޖާގަ ހޯދީ ވަރުގަދަ ޖަޕާން 0-1 އިން ބަލިކުރުމަށް ފަހު އެޓީމު ހިމެނުނު ގްރޫޕްގެ ދެވަނަ މަގާމު ހޯދައިގެންނެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ ފަސް ފަހަރެއްގައި ވޯލްޑް ކަޕްގައި ކުޅެފައިވެ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް