ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 16:44
މި މެޗުގައި ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މި މެޗުގައި ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
އިންޓަނޭޝަނަލް ފްރެންޑްލީ
ވޯލްޑް ފްރެންޑްލީ: ބެލްޖިއަމް އާއި މެކްސިކޯ އެއްވަރުވެއްޖެ
މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުން
މިމެޗުގައި ޖެހި ދެ ލަނޑާއެކު ލުކާކޫ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ރެކޯޑާއި އަރާ ހަމަކޮށްފައި

ބެލްޖިއަމް އާއި މެކްސިކޯ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ތައްޔާރީތައް ފެއްޓުމުގެ ގޮތުން މި ދެ ޓީމު ކުޅުނު މެޗު އެއްވަރުވެފައި ވަނީ 3-3 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު މި މެޗަށް ނުކުތްއިރު ވެސް އޮތީ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ވެފައެވެ.

ބެލްޖިއަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެ ޓީމުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކެޕްޓަން އެޑެން ހަޒާޑެވެ. މި ލަނޑު ޖެހުމަށްފަހު ވެސް ބެލްޖިއަމްއިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެނަސް މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އަންދްރޭސް ގުއަޑާޑޯ ވަނީ ލަނޑެއް ޖަހާ މެކްސިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެ އޮވެގެން ނިމުނުއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ރީތި ބަލާހިތްވާ ޒާތުގެ ފުޓްބޯޅައެއް ކުޅެފައެވެ. ބެލްޖިއަމްއަށް މެޗުގެ 55 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ލޫކާކޫ އަލުން އަނބުރާ ލީޑު ނަގައިދިން ނަމަވެސް އޭގެ މިނެޓެއް ފަހުން ލޮޒާނޯ ވަނީ ލަނޑެއް ޖަހައި މެކްސިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުގައި ފުރަތަމަ ފަހަރަށް މެކްސިކޯއަށް ލީޑު ލިބިގެން ދިޔައީ 60 ވަނަ މިނެޓުގައި ލޮޒާނޯ ޖަހައިދިން ލަނޑުންނެވެ.

އެހެނަސް އޭގެ 10 މިނެޓު ފަހުން ބެލްޖިއަމްގެ މެންޗެސްޓާ ޔުނައިޓެޑް ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ލުކާކޫ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި ރެކޯޑު މިހާރު ދެ ކުޅުންތެރިޔެއްގެ އަތުގައި އޮންނައިރު ލޫކާކޫ ވަނީ 30 ލަނޑު ޖަހައި އެ ދެ ކުޅުންތެރިންގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

ހަމައެހެންމެ ބެލްޖިއަމް އެންމެފަހުން ކުޅުނު 14 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އެ ޓީމަކީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ބޮޑު ކާމިޔާބެއް ހޯދާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް