ކ. މާލެ
|
10 ނޮވެންބަރ 2017 | ހުކުރު 07:51
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ގޯލް.ކޮމް
ފިލިޕޭ ކުޓީނިއޯ
ކުޓީނިއޯ ހޯދުމަށް ބާސާ އިން 105 މިލިއަން ޕައުންޑު ހުށަހަޅައިފި
ކުޓީނިއޯ ވަނީ ލިވަޕޫލްގައި 2022 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައި
ކުޓީނިއޯ ހޯދުމަށް ބާސާ އިން ވަނީ އެކި ފަހަރުގެ މަތިން ބިޑުކޮށްފައި

ލިވަޕޫލް އަށް ކުޅެމުން އަންނަ ބްރެޒިލް ސްޓްރައިކަރު ފިލިޕޭ ކުޓީނިއޯ ހޯދުމަށް ބާސެލޯނާ އިން 105 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ "ސްޕޯޓް" އިން ބުނީ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް ކުޓީނިއޯ ގެނައުމަށް ބާސާ އިން މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އެޓީމުން 105 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލް އިން ކުޓީނިއޯ ވިއްކާލަން އެއްބަސްވާނީ 132 މިލިއަން ޕައުންޑަށެވެ. އަދި އެ އަގު ދަށް ކުރުމަށް ލިވަޕޫލް އިން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ބާސާއިން ވަނީ ކުޓީނިއޯ ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމުގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ބާސާއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ކުޓީނިއޯ ހޯދުމަށް ބިޑް ކޮށްފައެވެ. އެހެނަސް ލިވަޕޫލްއިން ވަނީ ބާސާއިން ކުޓީނިއޯ ގަތުމަށް 125 މިލިއަން ޕައުންޑް ހުށަހެޅުމުން ވެސް ބާސާގެ ބިޑު އަނބުރާ ފޮނުވާލާފައެވެ.

ބާސާއިން ވަނީ 897 މިލިއަން ޔޫރޯގެ ބަޖެޓަކާ އެކު މި ސީޒަނަށް އެ ކްލަބުގެ ރެކޯޑު ބަޖެޓެއް ފާސް ކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި ބާސާއިން ވަނީ 708 މިލިއަން ޔޫރޯއާއެކު ރެކޯޑު އަދަދެއްގެ ފައިދާ ހޯދާފައެވެ.

ބާސާގެ ޑިރެކްޓަރ އަލްބާޓޯ ސޯލާ މީގެ ކުރިން ބުނެފައި ވަނީ ކުޓީނިއޯގެ އަގެއްގެ ގޮތުން 200 މިލިއަން ޔޫރޯ ހުށަހެޅުމަށް ލިވަޕޫލްއިން އެދުނު ކަމަށާއި، އެހެނަސް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެހާ ބޮޑު އަދަދެއް ހުށަހަޅަން ބޭނުންނުވީ ކަމަށެވެ.

ލިވަޕޫލްގައި 2022 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން އުމުރުން 24 އަހަރުގެ ކުޓީނިއޯ އެއްބަސްވެފައިވާއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 190 މެޗުގައި 46 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް