ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 19:27
ގުޅިފައިވާ ޕާޓީތަކުން ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން
އެޑްމިން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
އާމޫނުތަކަކާ އެކު ގުޅިފައިވާ ޕާޓީތަކުން މިރޭ ޚާއްސަ ޖަލްސާއެއް
މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަ ދައްކަވާނެ
ޖަލްސާ އޮންނާނީ 9:30 ގައި މ. ކުނޫޒްގައި
މިރޭގެ ޖަލްސާގައި އަލީ ޝާހް އާއި މޫސާ ނިޒާރު ވެސް ވާހަކަ ދައްކަވާނެ

އިސްލާހީ މަސައްކަތުގައި ގުޅިގެން މަސައްކަތްކުރާ އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ ޖަލްސާ ޚާއްޞަ ވާނެ ކަމަށް އެޕާޓީތަކުން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމުގެ ވާހަކަ ދައްކަމުންދާ މިދަނޑިވަޅުގައި، މިރޭ ބާއްވާ ޖަލްސާ ފެށުމަށް ހަމަޖައްސާފައި ވަނީ 9:30 ގައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައެވެ.

މިރޭގެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ބައިވެރިވަޑައިގެން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވާއިރު މިދިޔަ ހޯމަ ދުވަހުގެރޭ ރައީސް މައުމޫން ވަނީ ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. ރައީސް މައުމޫނަކީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން މިވަގުތު ތަންފީޒް ކުރައްވަން ޖެހިވަޑައިގަންނަވާ ހުކުމެއް ނެތް ހަމައެކަނި ލީޑަރެވެ.

މިރޭ ބާއްވާ މި ޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރާއި އެޕާޓީގެ ނައިބު ލީޑަރު ޢަބްދުﷲ ކަމާލުއްދީނާއި އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވާހަކަ ދައްކަވާނެއެވެ. މީގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވެސް ވަނީ މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައެވެ.

މިރޭގެ ޖަލްސާގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މޫނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްއެވެ. ޕީޕީއެމްގެ މެންބަރު ކަމުގައި ހުންނަވައި މަޖިލީހުގެ ރައީސްއާ ދެކޮޅަށް ސޮއިކުރެއްވުމާ ގުޅިގެން އެ ޕާޓީން ދާދި ފަހުން ވަނީ މެންބަރުކަމުން ވަކިކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމާފައެވެ. މިއީ އޭނާ އިދިކޮޅު ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވާ ފުރަތަމަ ފަހަރެވެ. 

ގުޅިފައިވާ ޕާޓީތަކުން މިރޭ ޚާއްޞަ ޖަލްސާއެއް ބާއްވާއިރު ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މާދަމާރޭ ކާނިވާ ސަރަހައްދުގައި ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް