ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 18:35
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
އަހްމަދު ސާއިފް ޝިޔާދް
ޕީޕީއެމް
ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނެ ގޮތަށް ގާނޫނު އިސްލާހްކުރަން ގަބޫލެއް ނުވާނަން: ޕީޕީއެމް
ނަޝީދަކީ ރައީސް ޔާމިނަށް އޮތް ހުރަހެއް ނޫން
ރައީސް ނަޝީދަށް ކުރިމަތިލުމުގެ ފުރުސަތުދޭން ބޭރުގެ ޕްރެޝަރެއް ނެތް
އިދިކޮޅު ލީޑަރުންގެ ތެރޭގައި ރައީސް ޔާމިނާ ވާދަކުރެއްވޭނެ ބޭފުޅަކު ނެތް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހް ގެނައުމަށް ވެސް ޕީޕީއެމް ދެކޮޅު ކަމަށާއި އަދި އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމެއް އެ ޕާޓީން ބުނެފި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ޕީޕީއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ހިނަގަމުންދަނީ ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި ނަޝީދަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަށް ފުރުސަތުނުދޭން ޕާޓީން މަސައްކަތްކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ ބާރު ގަދަ ގައުމުތަކުގެ ނުފޫޒާއެކު ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވުމަކީ ޕީޕީއެމް އިން ބަލައިގަންނާނެ ކަމެއް ނޫނެ ކަމަށެވެ.

 

"ޕީޕީއެމް އިން ބޭނުމެއް ނޫން ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ރައީސް ނަޝީދަށް ކުރިމަތިލުމުގެ ފުރުސަތު ދޭކަށް. ވަރަށް ސާފުކޮން މި ދެންނެވީ. ޕީޕީއެމް އިން ބޭނުމެއް ނޫނޭ ގާނޫނު އަސާސީއަށް ބަދަލު އިސްލާހް ގެނެސްގެން 2018ގެ ރިޔާސީ އިންތިހާބަށް ފުރުސަތު ދޭކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

 

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ދޭން ޕީޕީއެމް އިން ބޭނުން ނުވަނީ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ހުރަހަކަށްވެދާނެ ތީއެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށް ފުރުސަތުދޭން ދެކޮޅު ހަދަނީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ހިލާފު ކަންކަން ކުރައްވާފައި ވާތީ ކަމަށް ވިދާޅުވި އެވެ.

 

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދު ރާއްޖޭގެ މާހައުލުއޮތް ގޮތުން ރައީސް ޔާމިނަށް ވާދަކުރެވޭނެ އިދިކޮޅު ކެންޑޭޓަކު ނެތް މި ރާއްޖެއަކުން ފެންނާކަށް. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަގީގަތް. ރައްޔިތުން ދައްކަމުންދާ މަންޒަރު. އެހެންވީމަ (ރައީސް ނަޝީދަށް ކުރިމަތިލުމަށް ފުރުސަތުދޭން ބޭނުން  ނުވަނީ) އެއްވެސް ގޮތަކަށް (ރައީސް ޔާމިނަށް) ހުރަކަށްވާތީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

 

އަބްދުއްރަހީމް ވިދާޅުވީ ނަޝީދަށް ކުރިމަތިލެއްވޭނެ ކަމަށް ދެކޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

 

"މިއުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނެތިގެން. ރައްޔިތުން މިއަދުގެ ސަރުކާރަށް ކުރާ ތާއިދާއި ރައީސް ޔާމިން ގައުމުގައި އިތުރުވަމުންދާ ތާއީދަށް ބަލާއިރު އިދިކޮޅު ފަރާތްތަކަށް ދެން ތާއީދެއް ނެތީމަ ރައްޔިތުން ހައްދުވާލުމަށްޓަކައި ނުވަތަ ރައްޔިތުންނަށް ނުބައި ވިސްނުމެއް ދިނުމަށްޓަކައި ފަތުރަމުންދާ ދޮގު ވާހަކަތަކެކޭ މިއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

 

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް އެއްވެސް ކަހަލަ ޕްރެޝަރެއް ބޭރުގެ އެއްވެސް ފަރާތަކުން މިހާތަނަށް ކުރިމަތިކޮށްފައެއް ނުވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ކުރިމަތިލެއްވުމަށް ފުރުސަތު ދިނުމާ މެދު އެ ޕާޓީގެ ކައުންސިލްގެ ތެރޭގައި ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އަދި ކައުންސިލްގެ މެމްބަރުން ތިބީ އެ ފުރުސަތު ދޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

 

"ހަމަ އެއްވެސް ބޭފުޅަކު މި ކަމަކަށް ޖާގަ ދެއްވާނެ ކަމަކަށް ވިދާޅެއްނުވޭ. އަޅުގަނޑުމެން ޕާޓީން މި ތިބީ ވަރަށް ބޮޑަށް މި ކަމާ ދެކޮޅު ހަދައިގެން އެއްވެސް ގޮތަކަށް ވެސް މިކަން ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޒަމީރު ވިދާޅުވި އެވެ.

 

މި ނޫސްވެރިންގެ ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ގާނޫނު އަސާސީގައި ޖިނާއީ ކުށެއް ތަންފީޒުކުރަމުންދާ މީހަކަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށް އޮންނައިރު ރައީސް ނަޝީދު އުޅުއްވަނީ ބައެއް މީހުން މޮޔަ ހައްދަން ކަމަށާއި އެހެން ނަމަވެސް އެންމެން މޮޔަ ނުހެއްދޭނެ ކަމަށެވެ.

 

"ރާއްޖޭގައި ބޭއްވޭ އެއްވެސް ރިޔާސީ އިންތިހާބެއްގައި ބައިވެރިވުމުގެ ފުރުސަތު ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ލިބިގެންނުވާނެ ކަމަށް ގަބޫލުރާ ދިވެއްސަކު ހުރެއްޖެ ނަމަ އޭގެ ތެރެއިން ގައިމުވެސް އެންމެ ފުރަތަމަ އެ ވާހަކަ ތަކުރާރު ކުރާނެ މީހަކު އަޅުގަނޑު. ދިވެހި ރާއްޖެއަށް މުހައްމަދު ނަޝީދު ދީފައި ހުރި ގެއްލުންތައް އަޅާކަނޑާ، އެއްކޮށް، ގުނަކޮށް ގެއްލީމަ ނުކުންނަ ނަތީޖާއަކީ ދުވަހަކުވެސް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ނުވަތަ އެފަދަ މަގާމަކަށް ގެނައުމަށް ކުފޫ ހަމަނުވާ މީހެއް ކަމަށް އަޅުގަނޑު ދެކެނީ،" ނިހާން ވިދާޅުވި އެވެ.

 

ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަލީ އާރިފު މި ބައްދަލުވުގައި ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ޕްރެސަރ ކުރަނީ ރައީސް ނަޝީދަށް ކުރިމަތިލުމަށް ފުރުސަތު ދިނުމަށް ނޫން ކަމަށާއި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ކަންކަން ރާއްޖޭގައި ފެތުރުމަށެވެ.

 

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެމެރިކާއިން އިންޑިއާއާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް