ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމަށް އިންސާފުވެރި ޝަރީޢަތެއް ލިބޭނީ ކޮން އިރަކުންތޯ އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ސުވާލު ކުރައްވައިފިއެވެ.
 ކާނަލް ނާޒިމް ޖަލަށްލިތާ 1000 ދުވަސް ފާހަގަކޮށް ނާޒިމްގެ ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ކުރައްވާފައިވާ ޓްވީޓެއް ރީޓްވީޓު ކުރައްވައި ކޭޝަޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ނާޒިމަށް އިންސާފުވެރި ހެކިތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނުތައް ނަގަހައްޓައިގެން ހިންގޭ ޝަރީއަތެއް ލިބޭނީ ކޮން ދުވަހަކުންތޯ ސުވާލުކުރައްވާފައެވެ. 
1000 days into his ordeal, when will Colonel Nazim benefit from the impartial and fair application of evidence-based justice & rule of law? https://t.co/3dYzxiBS2z
— Atul Keshap (@USAmbKeshap) November 7, 2017
ކާނަލް ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައާއި ގުޅޭ އެއްވެސް ޙަޤީގަތެއް ނާޒިމަށް އެނގިނުލައްވާނެ ކަމަށާ، އެކަމުގެ މަޢުލޫމާތު ޝަރުޢީ ކޯޓެއްގައި ވިދާޅުވެދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ވަނީ ވިދާޅުވެފައެވެ. 
 
 ނާޒިމްގެ އެޕާޓުމެންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް، އެ ދަޢުވާ ސާބިތުވުމާއި ގުޅިގެން އެމަނިކުފާނު ވަނީ 11 އަހަރަށް ޖަލަށް ލާފައެވެ. މި މައްސަލައާއި ގުޅިގެން ކާނަލް ނާޒިމް ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
