ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 18:52
ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
ޓްވިޓަރ
ކުޅުދުއްފުށީ ކުޅި
ކުޅުދުއްފުށީ ކުޅި ހިއްކާތީ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި
ކުޅި ހިއްކުން ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައި
ހެޔޮވެރިކަމުގެ ގޮތުން ބަލާއިރު ވެސް އެދެވޭ ޕްރޮޖެކްޓެއް ނޫން ކަމަށް ބުނޭ

އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ މަށި ކުޅި ހިއްކުމުގެ ހުއްދަދިނުމުން 13 ޖަމިއްޔާއަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާން ނެރެފައި ވަނީ ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ އާއި އުތެމާ، އެކޯކެއާ މޯލްޑިވްސް، ބްލޫޕީސް، އައްޑޫ ވިމެންސް ޑެވެލޮޕްމެންޓް އިނިޓިއޭޓިވް، ސްމޯލް އައިލެންޑް ރީސާރޗް ގްރޫޕް، ވޮއިސް އޮފް ވިމެންސް، މާޅޮސް އެވެއާނަސް އެންޑް ރެކްރިއޭޝަން ސޮސައިޓީ، މީދޫ އެކުވެނީ ޗޭނު، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް، ބިލީފް، އެސޯސިއޭޝް ފޯރ ނޫން އެޓޯލް ޑިވެލޮޕްމެންޓް އަދި ފްރެންޑްސް އެސޯސިއޭޝަން ފޯރ އައިލެންޑް ޑެވެލޮޕްމެންޓުންނެވެ.

އެޖަމިއްޔާތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި އޮންނަ ރާއްޖޭގެ އެެންމެ ބޮޑު މަށި ކުޅި އަދި މުހިއްމު ގުދުރަތީ ތަރިކަ ހަލާކުކުުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އީއައިއޭގެ މިނިވަންކަމާ މެދު ސުވަލު އުފައްދައި އެ ޖަމިއްޔާތަކުން ބުނެފައި ވަނީ އެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރުމެންޓް އެންޑް އެނާރޖީގެ ދަށުން ހިންގާ މޯލްޑިވްސް މީޓްރޮލޮޖީ ސާރވިސްގައި މަސައްކަތްކުރާ ސިވިލް ސާރވެންޓަކަށް ވާތީ އެރިޕޯޓްގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އަދި އީއައިއޭގެ ގަވާއިދު ބުނާ ގޮތުން އެ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ވަކި މުއްދަތަކަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް ކުޅި ހިއްކުމުގެ ޕްރޮޖެކްޓަށް ހުއްދަ ދީފައިވަނީ އާންމުކޮށް އީއައިއޭތައް ބަލާ އެއާ މެދު ގޮތް ނިންމާ މުވައްސަސާ ކަމަށްވާ އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އާންމުންގެ ހިޔާލު ފޮނުވުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ތިމާވެށީގެ ގޮތުން ކަނޑައެޅިފައިވާ ގާނޫނީ އިޖްރާއާތުތަކަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ، ތޯރިގު އިބްރާހިމް ކަމޭހިއްތަވާފައި ނުވާތީ ކަންބޮޑުވާ ކަމަށާއި ތިމާވެށީގެ ގޮތުން އަސަރުފޯރާ މިންވަރު ބެލުމުގެ އިޖްރާއާތުތައް އަވަސްކުރައްވައި އޮކްޓޯބަރު 26، 2017 ގައި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިއުމެއްގައި އަމިއްލަފުޅަށް ސޮއި ކުރައްވާފައި ކަމަށް ބުނެ ޖަމިއްޔާތަކުން ވަނީ މިނިސްޓަރަށް ކިޔާފައެވެ.

މި މައްސަލާގައި ގާނޫނީ އިޖްރާއާތުތަކަށް ތަބާވެފައި ނެތުމުން މިހާ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އާންމުންގެ ހިޔާލު ހޯދުމަކާ ނުލައި ނިންމި ނިންމުމާ މެދު ކަންބޮޑުވާ ކަމަށާއި ގާނޫނުތަކާއި ގަވައިދުތަކާއި އަދި ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުތަކާ ހިލާފަށް އީޕީއޭއިން ނިންމި ނިންމުމާ ދެކޮޅު ހަދާކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

 ޕްރޮޖެކްޓްގެ ޝަރުތުތަކާއި ޕްރޮޖެކްޓް ހިންގުމާ ހަވާލުވެތިބި ރީޖަނަލް އެއާޕޯޓްސް އާއި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރ އެމްޓީސީސީން ތަބާ ނުވާ ކަމަށް ބުނެ ހަ ކަމެއް ވެސް ވަނީ ބަޔާނުގައި ހިމަނާފައެވެ.

ހިލާފުވެފައިވާ ކަމަށް ބުނެ ހިމަނާފައިވަނީ ކަންކަމަކީ:
ކުޅި ހިއްކުމަށްޓަކައި ފަސްނަގާ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅާފައި ނެތުން، އަދި އެކަމަށްޓަކައި ކުރަންޖެހޭ ޖިއޯޓެކްނިކަލް ދިރާސާތައް ކޮށްފައި ނެތުން
ޕްރޮޖްކްޓް ހިންގާ ސަރަހައްދު ކުޅީގެ ބާކީއޮތް ބައިން ވަކިކޮށްފައި ނެތުން
ތިމާވެށީގެ ގޮތުން ޕްރޮޖެކްޓު ހިންގާ ސަރަހައްދާ އެއް ސިފަތަކެއް ހުރި އާ ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ބެެލެހެއްޓުމަށް ޕްރޮޖެކްޓް ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުން 
ކޮންޓްރެކްޓަރ ހަދަމުންދާ "ބަންޑް ވޯލް" އަކީ އޭގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ގޮތަށް ސިފަތަށް ފުރިހަމަ ނުވާ އެއްޗެކެވެ. ސަބަބަކީ ޝަރުތުކޮށްފައި ވަނީ ހިލަ އާއި ޝީޓް ޕައިލިން ބޭނުންކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރު ވަނީ ވެލިފުނި ޖަހައިގެން ބަންޑް ވޯލް ހަދަމުން ދިއުން
އޭވިއޭޝަން ގަވާއިދުގެ ދަށުން އިމާރާތުގެ އުސްމިނަށް އަންނާނެ ހަނިކުރުންތަކާ ބެހޭ ގޮތުން ސްޓޭކްހޮލްޑަރުންނާ މިހާތަނަށް ވާހަކަ ދެކެވިފައިވައި ނެތުން.
ރަށުގެ ފެންބޮޑުވުމުގެ މައްސަލަ ކުޑަކުރުމަށާއި ފެން ހިންދުމަށް ބޭނުންކުރާނެ އެހެން ނިޒާމެއް ހުށައަޅާފައި ނެތުން. (މިކަމަށް ހައްލުހޯދާނެ އެއްވެސް ގޮތެއް ހަމަޖެއްސުމަށް ޕްރޮޖެކްޓު ހިންގާ ފަރާތުން މަސައްކަތް ކޮށްފައި ނެތުމަކީ ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ނަަމަ ރަށުގެ އާބާދީ އިތުުރު ނުރައްކަލަކަށް ހުށައެޅިގެންދާނެ، ބިރުގަންނަން ޖެހޭ ކަމެކެވެ.)

އެ ޖަމިއްޔާތަކުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހިމަނާފައިވާ މި ބަޔާނުގައި މި ޕްރޮޖެކްޓަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއި ގޮތުންނާއި، އިޖްތިމާއީ، ސަގާފީ، އަދި އިގްތިސާދީ ގޮތުންނާއި ހެޔޮވެރިކަމުގެ ގޮތުން ބަލާއިރު ވެސް އެދެވޭ ޕްރޮޖެކްޓެއް ނޫން ކަމަށް ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް