ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 19:56
ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
ރާއްޖެ އެމްވީ
ކުޅުދުއްފުށީ އެއާޕޯޓް
ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅުން ގޮސްފައިވާ ހިސާބެއް ނޭނގޭ: މިނިސްޓަރު ޒަމީރު
ކުރިން އެއާޕޯޓް ހަދަން ސޮއި ކުރި އެއްބަސްވުން ސަރުކާރުން ވަނީ ބާތިލް ކޮށްފަ
އެއާޕޯޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ރީޖަނަލް އެއާޕޯޓްސް އިން
ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީން

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެ ރަށުގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމާފައިވާއިރު އެއާޕޯޓް ހަދަން ބަޔަކު ކަނޑައެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އެނގިވަޑައިނުގަންނަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުންދާއިރު އެއާޕޯޓް ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުންޏާބެހޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ހަމައެކަނި ވިދާޅުވީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ ކުރަމުންދާ ކަމަށެވެ.

އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު އެނގިވަޑައި ނުގަންނަވާ ކަމަށާއި އެ މައުލޫމާތު ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ސާފުކުރުމަށް ޒަމީރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ބަޔަކާ ހަވާލު ކޮށްފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ރީޖަނަލް އެއާޕޯޓްސް ހިންގެވުމާ ހަވާލު ހުންނެވި ސާމީ އަގީލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫޢަކީ މިނިސްޓަރު ޒަމީރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ.

ހދ. ކުޅުދުއްފުއްޓާއެކު އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު ހަދަން ކުރިން ސަރުކާރުން ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ކުންފުންޏަކާ އެވެ. އެކަމަކު މެލޭޝިޔާގެ ގްރިފޮން އެނާޖީއާ އެކު ވި އެ އެއްބަސްވުން މިދިޔަ މަހު ސަރުކާރުން ވަނީ އުވާލާފަ އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކުރިން ބުނިގޮތުގައި އެ އެއްބަސްވުން އުވާލީ ދެވަނަ ފުރުސަތެއް ދިނުމުން ވެސް ފައިސާ ހަމަނުޖެހިގެންނެވެ.

ކުޅުދުއްފުށީ އެއާޕޯޓު ހަދަން އޭގެ ފަހުން ސަރުކާރުން ބަޔަކާ ހަވާލެއް ނުކުރެ އެވެ. އެކަމަކު އެއާޕޯޓު އަޅަން އެ ރަށު ކުޅި ހިއްކުމަށް ސަރުކާރުން އެމްޓީސީސީއާ އެކު ސޮއިކޮށް އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް