ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 17:42
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ޕީޕީއެމް
މި ރާއްޖޭގައި ހަމައެކަނި އޮތް ސިޔާސީ ޕާޓީއަކީ ޕީޕީއެމް، ދެން ތިބީ ޒާތީ މަސައްކަތްތަކެއް ކުރާ ބައެއް: އަބްދުއްރަހީމް
ކޮންމެ ދުވަހަކު ޖަލްސާއެއް ބޭއްވިޔަސް ރައީސް ޔާމީންގެ ތަރައްގީގެ ވާހަކަ ދައްކާ ނުނިމޭނެ
ޕީޕީއެމްގެ "އަސްތާ" ޖަލްސާ މި މަހުގެ 9 ވަނަ ދުވަހު

ރާއްޖޭގައި މިވަގުތު އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ ސަރުކާރު ހިންގާ ޕީޕީއެމް ކަމަށާއި ދެން ތިބީ ޒާތީ މަސައްކަތްތަކެއް ކުރަމުންދާ ބައެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ފިޔަވައި މިހާރު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާ ބަޔަކު ވެސް ނެތް ކަމަށެވެ. 

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ޕީޕީއެމްގެ ލީޑާޝިޕާ ދެމެދު އެއްވެސް މައްސަލަތަކެއް އުފެދިފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އެއްވެސް މެމްބަރެއްގެ ހިތްހަމަ ނުޖެހުމެއް ވާނަމަ ނުވަތަ ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުން ވާނަމަ އެ ފުރުސަތު އަބަދުވެސް ޕާޓީގެ ތެެރެއިން ލިބޭނެ ކަމަށެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެން މަނިކް ވިދާޅުވީ މީގެ ކުރިން ކުޅުދުއްފުށީގައި އެއާޕޯޓް ނުހަދައިގެން ވާހަކަ ދެއްކި މީހުން، ސަރުކާރުން އެއާޕޯޓްގެ މަސައްކަތް ފަށަން އުޅުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. 

އެގޮތުން ނިހާން ވިދާޅުވީ ކުޅި ހިއްކައިގެން އެއާޕޯޓް ހެދުމުގެ ސަބަަބުން ކުޅުދުއްފުއްޓަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ކުޅުދުއްފުށީ ހުރިހާ ރައްޔިތުން ވެސް އެއާޕޯޓް އަޅަން ބޭނުންވާ ކަމަށެވެ. ކުޅި ހިއްކައިގެން ވިޔަސް އަދި ކުޅި ނުހިއްކައި ވިޔަސް ކުޅުދުއްފުށީގައި އެއާޕޯޓް އަޅާނެ ކަމަށް ނިހާން ވިދާޅުވިއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނައިބު ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ޕީޕީއެމް އިން "އަސްތާ" ނަމުގައި ބާއްވާ ވަރަށް ހާއްސަ ޖަލްސާއެއް މި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ އުފަލުގައި ބާއްވާ ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ވެސް ޕީޕީއެމްގެ ޖަލްސާއެއް ކުޅުދުއްފުށީގައި ބާއްވާނެ ކަމަށާއި އެ ޖަލްސާގައި ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ރައީސް ޔާމީން ފައްޓަވައި ދެއްވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

ރިޔާޒް ވިދާޅުވީ ޕީޕީއެމް އިން ބާއްވާ ޖަލްސާތައް މިހާރަށް ވުރެން ވެސް އިތުރު ކުރަން ޖެހޭ ކަމަށާއި ކޮންމެ ރެއަކު ޖަލްސާއެއް ބޭއްވި ނަަމަވެސް ރައީސް ޔާމީންގެ ތަރައްގީގެ ވާހަކަތައް ދައްކާ ނުނިމޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ އަށް ގެންނަމުންދާ ތަރައްގީއާ މެދު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޖެހިލުންވާ ކަމަށެވެ. 

މީގެ އިތުރުން ރިޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށާއި އަދި ރާއްޖެ އަށް ގެއްލުން ލިބޭ ގޮތަށް އިދިކޮޅު ފަރާތްތަކުން އަވައްޓަވެރި ސްރީލަންކާގައި ކުރާ މަސައްކަތްތަކަށް ލަންކާ ސަރުކާރުން އެއްބާރުލުން ދެމުން ގެންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. 

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރާއި އަދި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ނަސްރުގެ ދުވަސް ފާއިތުވި ފަހުން ރައީސް ނަޝީދު އެ ދުވަހުގެ ތަހްނިޔާ ފޮނުއްވާފައި ވާތީ ވެސް ނިހާން ވަނީ ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް