ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 19:36
ނާޒިމް އާއިލާގެ މެންބަރުންނާ އެކު
ނާޒިމް އާއިލާގެ މެންބަރުންނާ އެކު
ރާއްޖެ އެމްވީ
އެމްޑީޕީ ބަޔާން
ނާޒިމަށް އިންސާފް ހޯދައި ނުދީ އޮތުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ: އެމްޑީޕީ
ނާޒިމްގެ މައްސަލައިގައި ޢަމަލް ކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް
މިއީ ސަރުކާރުގެ އަތެއް އޮވެގެން ކާނަލް ނާޒިމް ފްރޭމްކުރުމަށް ހިންގާފައިވާ ޖަރީމާއެއް
ނާޒިމް ވަގުތުން މިނިވަންކޮށް ބަދަލު ދިނުމަށް ވަނީ ގޮވާލާފައި

ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1,000 ދުވަސް ވެފައިވާއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައި އޮތުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ކާނަލް ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1,000 ދުވަސް ވެފައިވާއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޢަބްދުﷲ ޔާމިނުގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތުގެ އެންމެހާ މުވައްސަސާތައް ނުކުޅެދިފައި ވާތީ، އެމްޑީޕީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ ކާނަލް ނާޒިމުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ އެޕާރޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ސަރުކާރުން އެމަނިކުފާނު ފްރޭމްކޮށްގެން ކަމަށް އެންމެހާ ރައްޔިތުންނަށް ޤަބޫލުކުރެވޭ މައްސަލައެއްގައި ކަމަށެވެ. އެހެންނަމަވެސް ހަތިޔާރު ގެންގުޅޭ ކަމަށް ބެލެވޭ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އެންމެހާ އުސޫލުތަކާ ޚިލާފަށް ފުލުހުން މި މައްސަލާގައި ޢަމަލުކުރިކުރުމުން ފެށިގެން ގޮސް ދަޢުވާ އުފުލުމާއި ޝަރީޢަތްކުރުމާއި އިސްތިޢުނާފުކުރުމުގެ އެންމެހާ ކަމެއް ހިނގާފައިވާ ގޮތާ ހަމައަށް ފެނިފައި ވަނީ ނާޒިމަށް ފާޅުގައި ނާއިންސާފުވެފައިވާ މިންވަރު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިކަން މިހެން އޮތްއިރު، ނާޒިމް ދިރިއުޅުއްވާ އެޕާރޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައިން އޭނާގެ ޑީއެންއޭ ސާމްޕަލް ފެނިފައިނުވި ނަމަވެސް އެހެން ތިން މީހެއްގެ ޑީއެންއޭ ސާމްޕަލް އެއިން ފެނިފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފުލުހުން އެކަން ސިއްރުކޮށްފައިވުމާއި، އަދި ގޮވާއެއްޗެއް ކަމަށް ބުނާ ބައްތި ފޯނުން ވެސް އެހެން ފަރާތެއްގެ އިނގިލީގެ ނިޝާން ފެނިފައިވަނިކޮށް އެކަން ވެސް ސިއްރުކޮށް އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރުމުން، އޭގެ ފަހުން ފުލުހުން އެ ޙަޤީޤަތްތައް ހާމަކޮށްފައިވުމުން މިއީ ސަރުކާރުގެ އަތެއް އޮވެގެން ކާނަލް ނާޒިމް ފްރޭމްކުރުމަށް ހިންގާފައިވާ ޖަރީމާއެއް ކަން އެނގޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެހެކިތައް މިގޮތަށް ހާމަވެފައިވަނިކޮށް، މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ސްޕްރީމް ކޯޓަށް ފޮނުއްވި ސިޓީއަކުން ކާނަލް ނާޒިމަށް އެ ފިސްތޯލައާ ބެހޭ މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާނޭ ކަމާއި އަދި އެކަން ހިނގި ގޮތުގެ މަޢުލޫމާތު އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާތީ އެކަން ސްޕްރީމް ކޯޓަށް ހާމަކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމަށް އަންގަވާފައި ކަމަށާއި އެހެންކަމުން ކާނަލް ނާޒިމް ޖަލަށްލާފައި ވަނީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަކާ ގުޅުވައި އެމަނިކުފާނު ފްރޭމްކޮށްގެންކަން ރަނގަޅަށް ސާބިތުވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެފަދައިން އދ. ގެ ވާރކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ވެސް މި މައްސަލަ ބެލުމަށްފަހު ކާނަލް ނާޒިމުގެ މައްޗަށް 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް އަދަބުދެމުން ގެންދަނީ ކަނޑައެޅިގެން ނާއިންސާފުން ކަމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވަގުތުން މިނިވަންކޮށް އަދި ބަދަލު ލިބިދޭން ވެސް ޖެހޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްޑީޕީން ބުނީ މިފަދައިން ރައްޔިތެއްގެ މައްޗަށް ޖިނާޢީ ޢަދުލުގެ ނިޒާމެއްގެ ތެރެއިން ބޮޑުވެގެންވާ ނާއިންސާފެއް ވެފައިވާ ކަމާއި ބޮޑުވެގެންވާ އަދަބެއް ދެމުންދާކަމުގެ ހެކިތައް ހާމަވުމުން، މިކަމުގައި އިންސާފު ހޯދައިދިނުމުގައި އަވަސްވެގަންނަންޖެހޭއިރު، އެކަންކުރުމަށް މުޅި ދައުލަތް އެކުއެކީގައި ނުކުޅެދިފައިވުމަކީ އިއްތިފާޤެއް ނޫން ކަމަށާއި އެއީ ގަސްދުގައި ޤާނޫނީ މަސްއޫލިއްޔަތުން ބަރީއަވުންކަމުގައި ދެކޭ ކަމަށެވެ. އަދި މިކަމުގެ ޒިންމާ އެފަރާތްތަކުން ފުރިހަމައަށް ނަގަންޖެހޭނޭ ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކާނަލް ނާޒިމް ފްރޭމްކޮށް ނުޙައްޤުން ޖަލަށްލާފައިވާ މައްސަލާގައި އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށާއި އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުވައްސަސާތަކަށާއި ސްޕްރީމް ކޯޓަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ނޮވެންބަރ 2017 | ހޯމަ 18:53
ބުނާ ބައްތި ފޯނުން ވެސް
އެހެންތަ؟