ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 15:06
ޖޭއެސްސީ
ޖޭއެސްސީ
މުހައްމަދު ޝަރުހާން
ފަނޑިޔާރުން
ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ އަދި ވެސް ޖޭއެސްސީގައި، ވޯޓެއް ނުނަގާ
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަ ފަނޑިޔާރުން
ހައިކޯޓަށް ހަތަރު ފަނޑިޔާރުން އައްޔަން ކުރުން
ފަނޑިޔާރުން އައްޔަން ކުރަން ވޯޓް ނަގާނެ ތާރީހެއް ނޭނގޭ

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް އިދާރީ ހުރިހާ މަސައްކަތްތަކެއް ނިންމަވައިފައި ވީނަމަވެސް ފަނޑިޔާރުން އައްޔަން ނުކުރެވި ވަނީ އެ މައްސަލަ ޖޭއެސްސީގައި އެޖެންޑާ ކޮށްފައި އޮތަސް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް  ނުދާތީ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރުމަށްޓަކައި އެ މައްސަލަ އަށް ވޯޓަށް އަހާނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ. 

އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށްޓަކައި މިހާރު ހަމައެކަނި ކުރަން ޖެހޭ މަސައްކަތަކީ އެ މައްސަލަ ޖޭއެސްސީގެ އެޖެންޑާގައި ހިމަނާ ވޯޓަށް އެހުން ކަމަށެވެ. އެހެން ހުރިހައި ކަމެއް ނިމިފައިވާ ކަމަށް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 31 ބޭފުޅަކު ކުރިމަތިލިއިރު، ޝޯޓް ލިސްޓް ވެފައިވަނީ 21 ބޭފުޅުންނެވެ. އެ ފަރާތްތަކާ އިންޓަވިއުކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖޭއެސްސީ އިން އިއުލާނު ކުރީ ސެޕްޓެންބަރު 17 ވަނަ ދުވަހު އެވެ. ޖޭއެސްސީއިން ފުރަތަމަ އިއުލާނު ކުރީ ދެ ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ގާޒީން ހޯދުމަށެވެ. އޭގެ ފަހުން  އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓަށް ހޯދަން ބޭނުންވާ ގާޒީން އަދަދު ހަތަރަކަށް އިތުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 48،000 ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީންނަށް 46،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

ކްރިމިނަލް ކޯޓަށް ގާޒީން ހޯދަން އިއުލާނު ކޮށްފައިވާއިރު، އެކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ގާޒީ އަހުމަދު ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލު ކޮށްފަ އެވެ. މީގެ އިތުރުން ޖޭއެސްސީއިން ވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފަ އެވެ.

ހައިކޯޓަށް އަލަށް ނަގާ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ވެސް  އެޖެންޑާގައި ހިމަނާފައިވާއިރު، ފަނޑިޔާރުން އައްޔަން ކުރަން ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅައި ވަނީ ގޮސްފަ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނުއިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެ އެވެ.

ކުރިން ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ގާނޫނު އިސްލާހު ކޮށްފައި ވަނީ 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އިސްލާހު ގެނައި އިރު ވެސް، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ 11 ފަނޑިޔާރުން ހަމަކުރުމަށް، އިތުރު ހަތަރު ފަނޑިޔާރުން ހައިކޯޓަށް އައްޔަން ކުރަން ޖެހެއެވެ.

ހައިކޯޓް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްވި ފަރާތްތަކާ ވެސް އިންޓަވިއުކޮށް ހުރިހާ ކަމެއް ނިންމާފައިވާއިރު، މިހާރު އޮތީ ހަމައެކަނި އައްޔަންކުރާނެ ފަނޑިޔާރުން ކަނޑައެޅުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް