ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 23:43
ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަހުމަދު މުހުސިނު
ފަލަ ސުރުޚީ
މިއީ ދިގު މަގެއްގައި އަރިބިތަށް ތެޅެމުންދާ ސަރުކާރެއް: ލަތީފް
ސީދާ މަގަށް ސަރުކާރު އަޅުވައިދޭން މަސައްކަތް ކުރާ ބަޔަކީ އިދިކޮޅު ފަރާތްތައް
ސަރުކާރުން ބޭނުންވިހާ ޤާނޫނެއް ހަދައިދިނިން
ބައެއް ޤާނޫންތައް ފާސްކުރީ ވަރަށް އަސަރާއެކު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ސީދަލަށް އޮތް ދިގު މަގެއްގައި އަރިއަށް ބިތަށް ތެޅެމުންދާ ސަރުކާރެއްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުން 2013 ގައި މިހާރު މިއޮތް ސަރުކާރު ގެނައީ ވަރަށް ފޮނިފޮނި އުއްމީދެއްގައި ކަމަށާއި ރައްޔިތުންނަށް ވަރަށް އޯގާތެރި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރައްވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

މިސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި އަހުދުތަކަށް އެއްވެސް ވަރަކަށް އިހުތިރާމެއް ނުކުރާ ކަމަށާއި އެއަށްވުރެ ބޮޑަށް މިއީ ވަރަށް އަނިޔާވެރި ސަރުކާރެއް ކަމަށެވެ. އަދި ކޮރަޕްޝަނާއި ފަސާދަ އެންމެ ބޮޑު ސަރުކާރަކީވެސް މިއީ ކަމަށާއި ޙައްޤު ނޫން ގޮތުގައި އެތައް ފައިސާއެއް މީހުންނަށް ބަހަމުން ދިޔަ ސަރުކާރަކީ ވެސް މިއީ ކަމަށް ލަތީފް ވިދާޅުވި އެވެ. ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށްވެސް ބޮޑެތި ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލްތައް ހިންގަމުންދާ ސަރުކާރެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އެކަންކަން ރައީސް ޔާމީންގެ އަރިހު މެންބަރުން ތަކުރާރުކޮށް ދެންނެވިން ކަމަށާއި އެހެންނަމަވެސް އެ މަނިކުފާނު ދެއްވީ ބީރު ކަންފަތެއް ކަމަށް ލަތީފް ވިދާޅުވި އެވެ.

މިފަދަ އެތައް ސަބަބުތަކެއް ހުރުމއެކު ރައްޔިތުން އެދެނީ ރައީސް ޔާމީން އިސްތިއުފާ ދެއްވާ އަވަހަށް ރައްޔިތުންނާ ސަރުކާރު ހަވާލު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރަށް ދެމުން ގެންދެވީ ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށާއި ހުރިހާވެސް ބޭނުމަކީ ރައްޔިތުންނަށްޓަކައި ސަރުކާރުން ހެޔޮ ކަންތައްތަކެއް ކުރެއްވުން ކަމަށެވެ. އެގޮތުން ސަރުކާރު ހިންގަން ބޭނުންވާ ހުރިހާ ޤާނޫން ތަކެއް ފާސްކޮށް އަދި ބޭނުންވާ ހުރިހާ ނިންމުންތަކެއް މަޖިލީހުން ދިޔައީ ނިންމަމުން ކަމަށާއި ބައެއް ޤާނޫނުތަކަކީ ގޯސް ގާނޫނުތަކެއް ކަމަށާއި އެ ގާނޫނުތައް ފާސްކޮށްދެއްވީ ވެސް ވަރަށް އަސަރާއެކު ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

"ސަރުކާރު ހިންގަން ބޭނުންވާ ހުރިހާ ޤާނޫނުތަކެއް ހަދައިދިނުމުގައި އަޅުގަނޑުމެން ފަހެއް ނުޖެހެން. ސަރުކާރު ހިންގަން ބޭނުންވި ހުރިހާ ޤާނޫނުތަކަށް ފުރުސަތު ދިނިން. ބައެއް ޤާނޫނުތަކަކީ ބައެއް މެންބަރުންނަށް ވަރަށް އަސަރުކުރި ޤާނޫނުތަކެއް. އެޤާނޫނުތައް ފާސްކޮށް ދިނީ ރައްޔިތުންނަށް ލާބަހުރި ކަންތައްތަކެއް ކޮށްދިނުމަށް އެދިގެން. އެހެންނަމަވެސް އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ވެރިކަން ހިންގުމުގެ ބާރު ގަދަ ކުރީ،" ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ އެމަސައްކަތް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. 2018 ގެ އިންތިޚާބުގައި ވާދަކުރުމުގެ ކުރިން، ގަނޫނާއި ޤަވާއިދުތަކާ ޚިލާފަށް މި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވާ ސަރުކާރު ހަމަ މަގަށް އެޅުވުން ކަމަށް ލަތީފް ވިދާޅުވި އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް