ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 23:26
 އާ ސަފީރު، ހިޒް އެކްސެލެންސީ ޕްރޮފެސަރ ބިޝްވަމްބަރް ޕްޔާކުރްޔަލް
އާ ސަފީރު، ހިޒް އެކްސެލެންސީ ޕްރޮފެސަރ ބިޝްވަމްބަރް ޕްޔާކުރްޔަލް
ރައީސް އޮފީސް
ނޭޕާލް
ނޭޕާލްގެ ސަފީރު ފަތްކޮޅު އަރުއްވައިފި
ރާއްޖެއާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1980 ވަނަ އަހަރު

ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ޕްރޮފެސަރ ބިޝްވަމްބަރް ޕްޔާކުރްޔަލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ނޭޕާލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، އެ ޤައުމުގެ ރައީސަށާއި، ބޮޑުވަޒީރަށް ހެޔޮއެދުންތައް ފޮނުއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޭޕާލަކީ ރާއްޖެއިން ވަރަށް މުހިއްމުކަމެއް ދޭ ޤައުމެއްކަމަށާއި، ނޭޕާލް ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމުގެ ގޮތުން، ޚާއްޞަކޮށް ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ، ޝުކުރުއަދާކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާއިން ނޭޕާލްގައި ތަޢުލީމު ޙާޞިލުކުރާ ދިވެހި ދަރިވަރުންނަށް ނޭޕާލްގެ ޔުނިވަރސިޓީތަކުން ދެއްވާ ޖާގަ އިތުރުކޮށްދެއްވުމަށް، ނޭޕާލްގެ އާ ސަފީރުގެ އަރިހުން އެދިވަޑައިގެންފައެވެ.

 

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ނޭޕާލާ ދެމެދުގައިވާ ޚާރިޖީ ގުޅުން ނޭޕާލްގެ އާ ސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެ، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މަސްރަޙުގައި، ރާއްޖެއާއި ނޭޕާލާ އެއްޤައުމު އަނެއް ޤައުމަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުން އިތުރުވެ އެކި ދާއިރާތަކުން ގުޅުން ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

 

ނޭޕާލްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކަމުގައި އެމަނިކުފާނަށް މަސައްކަތްކުރެއްވުމަށް މި ލިބުނު ފުރުޞަތަކީ އެކަމާ ފަޚުރުވެރިވާ ކަމެއްކަމަށާއި، ރާއްޖެއާއި ނޭޕާލާ ދެ ޤައުމަށް ފައިދާ ވާގޮތަށް ދެޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިވާކަމުގައި ނޭޕާލްގެ އާ ސަފީރު ވިދާޅުވިއެވެ.

 

ރާއްޖެއާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވިފައިވަނީ 1 އޮގަސްޓު 1980 ވަނަ އަހަރުގައެވެ.

 

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް