ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 19:16
ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ކުޑަހުވަދޫ ބަލިކޮށް ނިއު ލީޑު ފުޅާކޮށްފި
ނިއު ވަނީ ކުޅުނު 12 މެޗުން 33 ޕޮއިންޓް ހަމަކޮށްފައި
ކުޑަހުވަދޫ އަށް 12 މެޗުން ލިބުނީ އެންމެ ދެ ޕޮއިންޓް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ.ކުޑަހުވަދޫ ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޕޮއިންޓް ތާވަލުގައި ލީޑު ފުޅާކޮށްފިއެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗު ކުޑަހުވަދޫއާ ވާދަކޮށް ނިއު މެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ނިއުގެ ފަރާތުން މާ މޮޅު ކުޅުމެއް ނުފެނުނު ނަމަވެސް އެޓީމަށް ވަނީ މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

އެގޮތުން އަލީ އަޝްފާގު (ދަގަނޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ. މެޗުގެ ފުރަތަމަ ހާފްގައި ކުޑަހުވަދޫ އަށްވެސް ވަނީ ލީޑު ނެގުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ ކުޑަހުވަދޫގެ މޮޅު ޑިފެންސާއެކު 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން ނިއު އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެޓީމުން މެޗުގެ ލީޑު ނެގީ 52 ވަނަ މިނެޓުގައެވެ. މި ލަނޑު ނިއު އަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯއެވެ.

މި ލަނޑަށް ފަހު ވެސް ނިއު އިން ދިޔައީ ކުޑަހުވަދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 67 ވަނަ މިނެޓުގައި ސެންޓޭ ވަނީ ނިއު އަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. ނިއު އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކޮވިޗް ސްޓީވެންއެވެ.

މި ނަތީޖާއާއެކު ނިއު ވަނީ ކުޅުނު 12 މެޗުން 33 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗުން ބަލިވި ކުޑަހުވަދޫ އޮތީ 12 މެޗުން ލިބުނު ދެ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް