ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 18:06
ސަލާހު ލަނޑުޖެހުމަށް ފަހު އުފާކުރަނީ
ސަލާހު ލަނޑުޖެހުމަށް ފަހު އުފާކުރަނީ
ގޫގުލް
އިނގިރޭސިޕްރިމިއަރލީގް
އިނގިރޭސި ޕްރިމިއަރލީގު: ސަލާހުގެ ދެ ލަނޑުން ލިވަޕޫލް އަށް މޮޅެއް
ވެސްޓްހަމްއިން މިހާތަނަށް 10 މެޗު ކުޅެފައިވާއިރު، މޮޅުވެވިފައިވަނީ އެންމެ ދެމެޗުން

 

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ލިވަޕޫލް އިން ކާމިޔާބު ކޮށްފިއެވެ.

ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 1-4 ގެތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ވެސްޓްހަމްގެ އަމިއްލަ ދަނޑުގައި  ކުޅުނު މި މެޗުގައި ލިވަޕޫލުގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ ފޯވާޑް އަންދްރޭ އަޔޫ އަށް ވަނީ ގޯލްޖަހާނެ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އަޔޫ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ވެސްޓްހަމް އަށް ލިބުނު މި ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 21 ވަނަ މިނެޓްގައި ލިވަޕޫލް އިން ލަނޑެއްޖަހާ މެޗުގެ ލީޑު ނެގުމެވެ. މާނޭގެ އެހީތެރިކަމާއި އެކު މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސަލާހުއެވެ. މުހައްމަދު ސަލާހު ލަނޑެއްޖަހާ ލިވަޕޫލަށް ލީޑުނަގައިދިންތާ މާގިނައިރުތަކެއް ނުވަނީސް މެޗުގެ 24 ވަނަ މިނެޓުގައި  މަޓިޕް ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ..

ލިވަޕޫލް އިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމުނުއިރު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ވެސްޓްހަމްއިން ވަނީ ލަނޑެއް  ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ  ލަންޒީނީއެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ޗެމްބަލޭން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ސަލާހުއެވެ. މި ދެ ލަނޑާއެކު މި ސީޒަނުގައި  ސަލާހު ޖެހި ލަނޑުގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

ރޭގެ މި މޮޅާއެކު ލިވަޕޫލް މިހާރު އޮތީ 19 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. ވެސްޓްހަމް އޮތީ 11 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް