ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 13:56
 ވަޅިން ބޮލަށް ދިން ހަމަލާއަށް އައިޖީއެމްއެޗްގައި މަހްފޫޒް ފަރުވާ ހޯދަނީ
ވަޅިން ބޮލަށް ދިން ހަމަލާއަށް އައިޖީއެމްއެޗްގައި މަހްފޫޒް ފަރުވާ ހޯދަނީ
ޓްވިޓަރ
މަހްފޫޒަށް ދިން ހަމަލާ
މަހްފޫޒު އަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
މަހްފޫޒަށް އިންސާފް ހޯދައިދޭން އެމްޑީޕީން ވަނީ ގޮވާލާފައި
މަހްފޫޒަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ވަނީ ދޫކޮށްލާފައި

ޤާނޫނީ ވަކީލު މަހްފޫޒު ސައީދުގެ ބޮލަށް ވަޅިޖަހައި ދިން ނުރައްކާތެރި މަރުގެ ހަމަލާއާގުޅިގެން ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ އެންމެން ކްރިމިނަލް ކޯޓުން ސިއްރިޔާތުގައި ދޫކޮށްލާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބުނެފިއެވެ.

އެމްޑިޕީން ނެރުނު ބަޔާނެއްގައި ބުނީ މަޙްފޫޒު ސަޢީދަށް އިންސާފު ހޯދައި ދިނުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތައް ނުކުޅެދިފައިވާތީ އެކަމުގައި ޒިންމާ ނަގަންޖެހޭ އެންމެހައި ފަރާތްތަކުގެ އަމަލުތައް ކުށްވެރިކުރާކަމަށެވެ. 

މަހްފޫޒް ބޮލަށް ވަޅިޖަހައި މަރުގެ ހަމަލާދިން މައްސަލާގައި ޝަރީޢަތް ނިމެންދެން ހައްޔަރުކޮށްފައިވަނީ ތިން މީހެއް ކަމަށާއި، ހަތަރުވަނަ މީހާ ހޯދުމަށް އިއުލާނުކޮށްފައި ވީނަމަވެސް އެމީހާ ހޯދާ ހައްޔަރުކުރުމުގައި ފުލުހުން ވަނީ ނުކުޅެދިފައިކަމަށްވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ނުރައްކާތެރި މަރުގެ ހަމަލާގެ މައްސަލަ ޝަރީއަތަށް ހުށަހެޅުނުތާ އަހަރެއް ފާއިތުވެފައިވާއިރު، މިއަދާ ހަމައަށް ވެސް މި މައްސަލަ ނިންމިފައިނުވާ ކަމަށާއި، އަދި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރާ ގިނަ ފަހަރުތަކުގައި އަޑުއެހުންތައް ކެންސަލްކޮށްފައިވާކަން ވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މަހްފޫޒް ބޮލަށް ވަޅިޖަހައި  ހަމަލާދީފައިވަނީ މާލޭގެ މައި މަގެއްގެ މަތީގައި މީހުންގެ ކުރިމަތީގައި ރޯމާދުވާލުގެ ވަގުތެއްގައިކަން ފާހަގަކުރަމުން އެމްޑިޕީން ނެރުނު ބަޔާނުގައި ބުނީ ހާމަކަން ބޮޑުގޮތެއްގައި އެއްވެސް ޖެހިލުމެއް ނެތި މިފަދަ ނުރައްކާތެރި މަރުގެ ހަމަލާތައް ދެމުންގެންދަނީ މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭނޭކަމުގެ ޔަގީންކަން އެފަރާތްތަކަށް އޮންނާތީ ކަމަށް ގިނަ ރައްޔިތުން ދެކެމުންދަނިކޮށް، އެ މައްސަލާގައި ވެސް ޝަރީއަތް ނިމެންދެން ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ އެންމެން ހައްޔަރުން ދޫކޮށްލުމުން އެކަން އިތުރަށް ޔަގީންވާކަމަށެވެ.

ބޮޑެތި ޖިނާއީ މައްސަލަތަކުގައި އަނިޔާ ރައްދުވާ ފަރާތްތަކަށް އެ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ނިންމަމުންދާ ނިންމުންތައް ހިއްސާކޮށް އެކަމުގައި ބައިވެރިކުރުމަކީ އިންސާފުވެރި ޝަރީއަތްތައް ހިންގާ ދުނިޔޭގެ ހުރިހާ ތަހުޒީބީ މުޖުތަމައުތަކެއްގައި އަނިޔާ ރައްދުވާ ފަރާތްތަކުގެ އަސާސީ ޙައްޤެއްކަމުގައި ބަލަމުންދާ ކަމަކަށް ވީނަމަވެސް، މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުނެރެފައިވާ އެންމެން ދޫކޮށްލާފައިވަނީ އަނިޔާ ރައްދުވި މަހްފޫޒަށް ވެސް އެނގުމަކާނުލައި ސިއްރުގޮތެއްގައި ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ބޮލަށް ވަޅިޖަހައި މީހަކު މަރަން ހަމަލާދިންކަމުގެ ކުށުގައި ބަންދުގައި ބައިތިއްބައިގެން ދަޢުވާއުފުލިފައިވާ ފަރާތްތަކެއް މުޖުތަމަޢުގެ ނުރައްކަލެއް ކަމަށް ކްރިމިނަލް ކޯޓުން ނުދެކޭނަމަ، އަދި އެ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް އެ ފަރާތްތައް ބަންދުން ދޫކޮށްލާނަމަ، މުޖުތަމަޢުގެ ނުރައްކަލެއް ކަމަށް ބުނެ ވަކި އެހެން މައްސަލައެއްގައި ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓިދާނޭ އެއްވެސް ހަމައެއް ނޯންނާނެކަމަށާއި، އެހެން ނަމަވެސް މުޖުތަމަޢުގެ ނުރައްކަލެއް ކަމަށް ބުނެ، މުޒާހަރާއެއްގެ ތެރެއިން ފެންފުޅިއެއް އެއްލިކަމަށް ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން އަންހެނަކު ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްގެން ގެންގުޅެފައިވުމާއި، އަދި އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެނޫންވެސް މީހުން ޝަރީއަތް ނިމެންދެން ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްގެން ގެންގުޅެފައިވުމާއި، އެސް.އެމް.އެސް އަކުން އިންޒާރެއް ދިންކަމުގައި ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން އުމުރުން އަށާރަ އަހަރުގެ ޒުވާނަކު ހައްޔަރުކޮށްގެން ގެންގުޅެފައިވުމާއި، އަސާސެއް ނެތް އެކިއެކި މައްސަލަތަކުގައި ސިޔާސީ ބޭފުޅުން ޝަރީޢަތް ނިމެންދެން ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްގެން ގެންގުޅެފައިވާކަން ފާހަގަކުރެވޭކަމަށްވެސް އެޕާޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މަހްފޫޒް ބޮލަށް ވަޅިޖަހައި ދިން ނުރައްކާތެރި މަރުގެ ހަމަލާގައި އޭނާއަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށާއި ކޯޓުތަކަށް އެމް.ޑީ.ޕީ.އިން ވަނީ ގޮވާލާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް