ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 12:17
ޖޫރިމަނާ ފައިސާ ހަވާލުކުރުމުގެ ކުރިން އަބުރުފުޅު ފަންޑް ފޮށިތަކާއެކު ރާއްޖެ ޓީވީގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން
ޖޫރިމަނާ ފައިސާ ހަވާލުކުރުމުގެ ކުރިން އަބުރުފުޅު ފަންޑް ފޮށިތަކާއެކު ރާއްޖެ ޓީވީގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން
މުހައްމަދު ޝަރުހާން
"އަބުރުފުޅު ފަންޑު"
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކައިފި
މިއީ ސިންގާ ބަކަރި ކާލާ އުސޫލުން ކޮށްފައިވާ ޖޫރިމަނާއެއް
ޖަވާބުދާރީވުމަށް ފުރުސަތެއް ނުދޭ
ޖޫރިމަނާކުރީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެން

ރާއްޖެ ޓީވީގެ މިރައީސް ޕްރޮގްރާމްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ބައެއް ވާހަކަތަކަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށް ކަނޑައަޅައި ކުރި ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެ ޓީވީން މިއަދު ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކައިފި އެވެ. 

ރާއްޖެ ޓީވީން ޖޫރިމަނާ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ގެންދިޔައީ އަބުރުފުޅު ފަންޑް ފޮށިތަކުގަ އެވެ. 

ޖޫރިމަނާ ފައިސާ ހަވާލުކުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެ ޓީވީ ކޮށްފައިވާ ޖޫރިމަނާ ފައިސާ ދެއްކީ، ޖޫރިމަނާ ނުދައްކައި އިސްތިއުނާފު ކުރެވެން ނެތުމުން ކަމަށެވެ. އަދި އެއީ ނުހައްގުން، ގާނޫނާ ހިލާފަށް ކޮށްފައިވާ ޖޫރިމަނާއެއް ކަމަށް ވެސް ފިޔާޒު ވިދާޅުވެ އެވެ. 

މިހާތަނަށް ރާއްޖެޓީވީ ކޮށްފައިވާ ހުރިހާ ޖޫރިމަނާއަަކަށް ދެއްކި ފައިސާ އަނބުރާ ލިބޭނެ ދުވަސް އަންނާނެ ކަމަށާއި ގާނޫނާ ހިލާފަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގާ އަމަލުތަކަށް އެ ކޮމިޝަންގެ މެމްބަރުން ޒިންމާ ނަގަންޖެހޭނެ ދުވަސް ވެސް އަންނާނެ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ. 

"ނުހައްގުން އަދަބު ދެމުންދާއިރު، ހައްގު ހޯދުމަށް ކުރަމުން މިދާ މަސައްކަތް، މިފައިޓެއް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން، އިންސާފު ލިބޭނެ، ބްރޯޑްކޮމް މެމްބަރުން ޒިންމާ ނަގަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ. 

ފިޔާޒު ވިދާޅުވި ގޮތުގައި ޖޫރިމަނާ ކުރުމަކީ ހަމައެކަނި މާލީ ގޮތުން ލިބޭ ގެއްލުމެއް ނޫން ކަމަށާާއި  މިކަމުގެ ސަބަބުން، ނޫސްވެރިން ކުރަންނުޖެހޭ އެތައް ކަމެއް ކުރަންޖެހި، ސްޓޭޝަންގެ އުފެއްދުންތެރިކަން ދަށްވެގެންދާ ކަމަށެވެ. 

މިފަހަރު ޖޫރިމަނާ ފައިސާ ދެއްކުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށާއި ފަންޑުފޮށި ބެހެއްޓި ރަށްރަށުގެ ރައްޔިތުންނަށް ރާއްޖެ ޓީވީގެ މެނޭޖްމެންޓުން ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ. 

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރާއްޖެ ޓީވީން އޮކްޓޯބަރ 8 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރިވުމަށް ގާނޫނީ އިމުގެ ބޭރުން ޒާތީވެ ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ބޮޅެއްކަމަށް ދެކޭ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަންގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

މެމްބަރު މުސްތަފާ ދެއްކެވި ވާހަކައިގެ ތެރެއިން ކޮމިޝަނުން ބަލަމުން ދިޔައީ އޭނާ ދެއްކެވި ވާހަކައިން ތިން ނުކުތާއެއްގެ މައްސަލަ ކަމަށްވާއިރު އެ ތިން ނުކުތާއަށް ޖަވާބުދާރީވުމަށް ރާއްޖެ ޓީވީއަށް ފޮނުވާފައިވާ ލިޔުމުގައިވާ ޓްރާންސްރިޕްޓްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ އޮތީ މެމްބަރު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަކަށް ނޫން ގޮތައް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި މުސްތަފާ ވިދާޅުވި ބަސްފުޅަށް ބްރޯޑްކާސްޓިން ކޮމިޝަން އިން އުނިއިތުރު ގެނެސްފައިވާތީ އެކަން ފާހަގަކޮށް، އެކަން އެހެން އޮތުމުން އެއީ ރާއްޖެ ޓީވީން ޖަވާބުދާރީވާން ޖެހޭނެ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް އެންގިކަންވެސް ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް "މިނިކާވަގު ބަކަރި ކާލާ އުސޫލުން" ރާއްޖެޓީވީ ބޮޑު އަދަދަކުން ޖުރިމަނާކޮށްލީ ކަމަށް އެބަޔާނުގައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 ނޮވެންބަރ 2017 | އާދީއްތަ 17:56
ޑރ ޓައިނީ
ސަރުކާޜުން ފައިސާކޮޅެއް ބޭނުންވީ ރާޢްޖެ ޓީވީ ބޮޑު އަދަކުން ޖޫރިމަނާ. ޗެނަލަށް މާ ބޮޑު އަދަބަކަށް ވެސް ނުމެވޭ. ރައްޔިތުން ނުކުމެ ވަކިލާރި އަޅައިގެން ފޮށި ފުރާލަދޭ. އެވްރީ ބޮޑީ ހެޕީ.