ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 05:04
މާލޭ މޭޔަރ ސިފާ: ފްލެޓް ތަކުގެ މައްސަލައިގައި ކަންބޮޑުވޭ
މާލޭ މޭޔަރ ސިފާ: ފްލެޓް ތަކުގެ މައްސަލައިގައި ކަންބޮޑުވޭ
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަ ސުރުޚީ
ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ އުއްމީދު ގެއްލިފައި:ޝިފާ
ފްލެޓް ވިއްކަނީ އަގުބޮޑުކޮށް
ލޯނު ލިބޭނެ ފަސޭހަ ގޮތް ހަމަޖައްސާނެ ކަމަށް ބުނި ނަމަވެސް ފްލެޓް ލިބުނު ބައެއް ފަރާތްތަކަށް ލޯނެއް ނުލިބޭ
މާލެއިން ބިންކޮޅު ދޫކޮށްލި ފަރާތްތަކަށް ވެސް ބޯހިޔާވަހި ކެމެއް ނުލިބޭ

ފްލެޓް ލިބޭނޭ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ މާ ހާލުގައި ކަމަށާއި އެމީހުންނަށް މިހާރު ފްލެޓް ލިބޭނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ހުޅުމާލެއިން ދޫކުރި 661 ފްލެޓްގެ މައްސަލައަށްވުރެވެސް ބޮޑު މައްސަލައެއް އެބައޮތް ކަމަށާއި ފްލެޓް ލިބޭނޭ ކަމަށް ހައުސިންގ މިނިސްޓަރ ސޮއިކޮށް ލިޔުން ދީފައި އޮތް ނަމަވެސް އެމީހުންނަށް ފްލެޓް ލިބޭނޭ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

ގާކޮށްޓާއި ކުރީގެ އަރަބިއްޔާހުރި ބިމުގައި އަޅާފައިވާ ފްލެޓްތަކަށް އިޝާރާތް ކުރައްވާ ޝިފާ ވިދާޅުވީ އެ ދެ ތަނުން ފްލެޓް ލިބޭނޭ ކަމަށް ކަނޑައަޅާފައިވާ މީހުންނަކީ މާލޭގައި ބޯހިޔާވަހިކަމުގެ ހާލަތު އެންމެ ދަށް މީހުން ކަމަށާއި އެމީހުން ވަނީ ފްލެޓް ހޯދުމަށް އެމީހުންގެ ކުދި ބިންކޮޅުތައް ދޫކޮށްލާފައި ކަމަށެވެ. އެހެންނަމަވެސް އެމީހުން ތިބީ އަދިވެސް ވާނުވާ ނޭނގިފައި ކަމަށް ޝިފާ ވިދާޅުވި އެވެ.

"ޓާޓާއިން އަޅާފައިވާ ފްލެޓްތައް ލިބޭނޭ ކަމުގެ ޔަޤީންކަން ދެއްވައި، ހައުސިންގ މިނިސްޓަރ ސޮއިކުރައްވާ ދެއްވި ގަނޑުކޮޅެއް އެމީހުން އަތުގައި އެބައޮތް. އެހެންނަމަވެސް އެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބި ތިއްބައި އެބޭފުޅުންނަށް އަދިވެސް ގޮތެއް ހޯދައި ނުދެވޭ. އެއީ މާލޭގައި އެންމެ ދަތި ހާލުގައި، ދިރިއުޅޭނޭ ތަނެއް ނެތިފައި ތިބި ރައްޔިތުން" ސިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެ މީހުންނަށް ލުއި ލޯނު ލިބޭނޭ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް ވާހަކަ ދައްކައި އެމްއެމްއޭގައި ބޮޑު ޖަލްސާއެއް ބޭއްވުމުގެ އިތުރުން ބޭންކްތަކުގެ ބޮޑެތި ބޭފުޅުން ގެންނަވައިގެން ކުރެއްވި ކަންތައްތަކުން ރައްޔިތުންނަށް ހީވީ ކޮންމެވެސް ގޮތްތަކެއް ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ފެނިގެން ދިޔައީ ފްލެޓެއްގެ އަގު ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާއަށް ހަމަޖެއްސި ތަން ކަމަށެވެ. އެ ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދައްކަން ޖެހޭ ކަމަށާއި މަހުގެ ކުއްޔަށް ތިރީސް ދެހާސް ދައްކަން ޖެހޭ ކަމަށް ޝިފާ ވިދާޅުވި އެވެ. 

"ވަރަށް ކަށަވަރުކޮށް އެނގޭ ފްލެޓަކަށް ޖެހެނީ 1.2 މިލިއަން ކަމާ އަދި އެ ފައިސާ ޓާޓާއަށް ދައްކާ ނިމިފައިވާކަން. އެހެންނަމަވެސް އެޗްޑީސީއަށް ހަވާލުވުމާ ގުޅިގެން މިއޮތީ ވާނުވާ ނޭނގިފައި،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ފްލެޓް ލިބޭނެ ކަމަށް ބުނެފައިވާ ފަރާތްތަކުގެ އެދުމަކަށް ސިޓީ ކައުންސިލުން އެބޭފުޅުންނާ ބައްދަލު ކުރި ކަމަށާއި އެބައްދަލުވުމުން ވަރަށް ބައިވަރު މައްސަލަތައް ފެންމަތިވި ކަމަށެވެ. ސިފާ ވިދާޅުވީ 18ހާސް ރުފިޔާ މުސާރައަށް ލިބޭ މީހުންނަށްވެސް ލޯނު ނުލިބޭ ކަމަށެވެ. މިފަދަ އެތައް މައްސަލަތަކެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް