ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަންގެ ސިޔާސަތުތައް ކަނޑައަޅަން ތިބީ ތައުލީމީ ފަންނުވެރިން ނޫން ކަމަށް މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއަދު އެޑިއުކޭޝަންގެ ސިޔާސަތުތައް ކަނޑައަޅަން ތައުލީމީ ފަންނުވެރިން ނެތުމުން އެކަމުގެ އަސަރު ދަރިވަރުންނަން ކުރާ ކަމަށެވެ.
ހާއްސަކޮށް މިހާރު އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ އެއްވެސް ކުއްޖެއް ބާކީ ނުކުރާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ސަބަބުން ގިނަ ކުދިންތަކެއް ތައުލީމުން ބަކީވެގެންދާ ކަމަށް އިބްރާ ވިދާޅުވިއެވެ.
" ތައުލީމީ ނިޒާމްގެ ތެރެއަށް މި ވަގުތުން އަންނަ ބަދަލުތައް، ވަރަށް ކަންބޮޑުވާ ބަދަލުތަށް އެބަ އާދޭ އިނގޭތޯ، މިހާރު ގްރޭޑް އަށަކާއި ހަމައިން އެބަ ނިންމާ ސްކޫލްގެ ޓީޗަރުން ނުވަތަ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދެން މި ކުއްޖާއަކަށް ނުކިޔެވޭނޭ، އެހެންވީމަ އެނާ އޯލެވެލް ހާދާނެ ކަމެއް ނެތޭ، އޭނާ ދަނީ ބީޓެކަށް ގޮސްފައި އެނދު ތަންމަތި އަޅަން ދަސްކުރާންށޭ އޭނާ ދަނީ" ރާއްޖެޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ތައުލީމް ހާސިލް ކުރެވޭނެ ކުއްޖެއް ކަމަށެވެ. ވަކި ކުދިންނަކީ ތައުލީމް ހާސިލް ނުކުރެވޭނެ ކުދިންކަމަށް ކަނޑައެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.