މި ސަރުކާރަކީ އެހެން ސަރުކާރުތަކުން ފެއްޓެވި މަސައްކަތްތަކުގެ ރިބަން ކެނޑި ސަރުކާރެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ މި ސަރުކާރުން ގެދޮރުގެ ކަންތައްތަކުގައި ވަރަށް ގިނައިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ފްލެޓްތަކުގެ ވާހަކަ ދައްކާއިރު، 2013 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އައިރު މި ސަރުކާރުން އަމިއްލައަށް އަޅާފައިވާ އެއްވެސް ފްލެޓެއް ނޯންނާނެ ކަމަށެވެ.
"މީކީ ފްލެޓް އެޅި ސަރުކާރެއް ނޫން. މިއީ ރިބަން ކެނޑި ސަރުކާރު. ރިބަން ކެނޑުމަށްފަހު އެ ފްލެޓްތައް ހައްގުވާ ފަރާތްތައް ނަގާ އެއް ފަރާތް ކުރި ސަރުކާރު މިއީ. އެއީ ހަގީގަތަކީ، އެހެންވީމަ އިންސާފު ލިބޭނެ. އަޅުގަނޑު ހަމަ އުންމީދުކުރަން ވަރަށް ބޮޑަށް ފުންކޮށް ވިސްނާފައި މި ރައްޔިތުންގެ ހައްގުގައި އަދި މާލޭގެ ގިނަ އާއިލާތަކުގެ ހައްގުގައި އެހެން ރައްޔިތުން ވަރަށް ފުންކޮށް ވިސްނާފައި ނޫނީ ރިޔާސީ އިންތިހާބުގައި ވޯޓް ނުދެއްވުމަށް" ޝަމާއު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ފަހު ބޯހިޔާވަހި ކަމުގެ ދަތިތައް ތަހައްމަލުކުރުންދާ ފަރާތްތަކަށް އުންމީދީ ދުވަސްތަކެއް ފެނިގެންދާނެކަން ޝަމާއު ވަނީ ފާހަގަކުރައްވާފައެވެ.
މާލޭގައި އޮތް ތޮއްޖެހުން ކުޑަ ކުރުމަށާއި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެށިފަހި މާލެ ޕްރޮގްރާމް 2011 ވަނަ އަހަރު ތައާރަފު ކުރެވިގެން ދިޔަކަމަށް ޝަމާއު ވިދާޅުވި އެވެ. އަދި އޭރު އެ ޕްރޮގްރާމްގެ ދަށުން ހަމަޖެހިފައި އޮންނަ އުސޫލަކީ އެމީހުންނަށް ލިބިފައިވާ ބިން ދައުލަތަށް ދޫކޮށްލުމުން، ދައުލަތުގެ ފަރާތުން ބަދަލުގައި އެމީހުންނަށް އެހެން ބިމެއް ނުވަތަ ފްލެޓެއް ހަމަޖައްސައި ދިނުންކަން ޝަމާއު ފަހަގަކުރެއްވި އެވެ.
އެގޮތުން އޭރުގެ ސަރުކާރުން އެއްބައި ފަރާތްތަކަށް ބިން ހަވާލުކުރުމުން އެ ތަނުގައި ގެ އަޅައިގެން ދިރިއުޅެމުންދާކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ އޭރު ބިންތައް ނުވަތަ ފްލެޓްތައް ނުދެވި ހުރި ފަރާތްތައް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެން "ބާކީ" ވެގެން ދިޔަ ކަމަށެވެ.
ޝަމާއު ވަނީ ދައުލަތުން ނަގާފައިވާ ބިންތައް ދެހާސް ރުފިޔާއަށް ވިއްކާ ސަބަބު އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ބެލުމަށް ގޮވާލާފައެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު އިފްތިތާހް ކުރެވިގެންދިޔަ ސޯޝަލް ހައުސިން ސްކީމް ބަދަލުވެގެން ދިޔައީ ވިޔަފާރި އުސޫލުން ހިންގާ ސިސްޓަމެއްގެ ގޮތުގައި ކަމަށް ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުން މާލެ ސިޓީ ކައުންސިލް އާއި ގުޅުން ނުބާއްވާ ކަން ފާހަގަކުރައްވާފައެވެ.