ޖިންސީ ހަމަހަމަކަން ރޭންކުކޮށް ކޮންމެ އަހަރަކު ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ނެރޭ "ދަ ގްލޯބަލް ޖެންޑަރ ގެޕް ރިޕޯޓް" އިން ރާއްޖެއަށް، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ދެވަނަ ލިބިއްޖެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 144 ޤައުމެއް ހިމެނޭ ގޮތަށް އެކުލަވާލާ މި ރިޕޯޓުން ރާއްޖެއަށް މިއަހަރު މިއަހަރު ނުވަ ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު، މިއަހަރު ލިބިފައިވަނީ 106 ވަނައެވެ. މިދިޔަ އަހަރުގެ ރޭންކިންގައި ރާއްޖެއަށް ލިބުނީ 115 ވަނައެވެ. މި ރިޕޯޓަކީ، ދެޖިންސުގެ މީހުންނަށް، ތައުލީމު ޙާސިލް ކުރުމަށާއި، ސިޔާސީ ދާއިރާގައި އުޅުމުގެ ފުރުސަތާއި، ސިއްޙީ ޚިދުމަތްތަށް ލިބޭ މިންވަރާ އެނޫން ވެސް އެފަދަ ފުރުސަތުތައް ދެމުންދާ ގޮތުގެ ހަމަހަމަ ކަމަށް ބަލައިގެން އެކުލަވާލާ ބައިނަލްއަޤުވާމީ ރިޕޯޓެކެވެ.
މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ބަލާއިރު މި ރިޕޯޓުން އެއްވަނައިގައި އޮތީ، 47 ވަނަ ލިބުނު ބަންގްލަދޭޝްއެވެ. އަދި ރޭންކިންގައި 108 ވަނައިގައި އޮތް އިންޑިއާ އަށް ތިންވަނަ ލިބުނުއިރު، އިންޑިއާއަކީ މީގެ ކުރީގެ އަހަރުތަކުގައި މި ސަރަޙައްދުގެ ޤައުމުތަކުގެ އެއްވަނަ ދަރަޖަ ހޯދަމުން އައި ޤައުމެވެ.
މި ރިޕޯޓުގެ ފަސްވަނައިގައި އަވައްޓެރި ސްރީލަންކާ އޮތްއިރު، ހަވަނައިގައި އޮތީ ބޫޓާން އެވެ. އަދި ރޭންކިންގް އިން ސަރަޙައްދީ ޤައުމުތަކުން އެންމެ ފުލުގައި އޮތީ ޕާކިސްތާނެވެ. ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) އިން ނެރޭ "ދަ ގްލޯބަލް ޖެންޑަރ ގެޕް ރިޕޯޓް" އަކީ 2006 ވަނަ އަހަރުން ފެށިގެން ނެރެމުންދާ ރިޕޯޓެކެވެ. ރާއްޖެއިން ދަނީ އަހަރަކަށް ފަހު އަރަހެއް މި ރޭންކިންގައި ކުރި ހޯދަމުންނެވެ.
ޖިންސީ ތަފާތުކުރުންތައް ނައްތާލައި ފިރިހެނުންނާ އަންހެނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ ދެޖިންސުގެ މީހުން ވެސް ޤައުމަށް ޚިދުމަތްކުރުމަށް ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އެހެނިހެން ވެސް ކޯޕަރޭޓު ކުންފުނިތަކުގެ ބޯޑުތަކުގައި ކުރިއާ ޚިލާފަށް އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.