ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 14:55
ރާއްޖެޓީވީއިން ޖޫރިމަނާ ފައިސާ ދެއްކީ ފަންޑު ފޮށި ހުޅުވައިގެން، ބެލުންތެރިންގެ އެހީތެރިކަމާއެކު
ރާއްޖެޓީވީއިން ޖޫރިމަނާ ފައިސާ ދެއްކީ ފަންޑު ފޮށި ހުޅުވައިގެން، ބެލުންތެރިންގެ އެހީތެރިކަމާއެކު
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ޖޫރިމަނާކުރުން
ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
ރާއްޖެޓީވީ ޖޫރިމަނާ ކުރީ މި އަހަރުގެ އެޕްރީމް މަހުގެ 6 ވަނަ ދުވަހު
ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި
ތިން ފަހަރެއްގެ މަތިން ޖުމްލަ 1.7 މިލިއަން ރުފިޔާގެ ޖޫރިމަނާ

ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް އުނިކަން އަންނަ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފެށުމަށް ސިވިލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން ހައްލެއް ނުލިބުމުން މައްސަލަ ޝަރިއަތަށް ފޮނުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ރާއްޖެޓީވީގެ ފަރާތުން ބުނަމުން ދިޔައީ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ކަމަށާއި އެހެންކަމުން، ވާހަކަ ދައްކައިގެން މި މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ. 

އެހެން ނަމަވެސް، ވާހަކަ ދައްކައިގެން ހައްލު ނުވުމުން އެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ރައީސް ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައި ވަނީ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. 

އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށް ފަހު އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ. 

"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަށް ދިނީކީއެއް ނޫން" އޭ ބުނެފައިވާ ބުނުން ބްރޯޑްކާސްޓް ކޮށްފައި ވަނީ އަބުރުގެ ގާނޫނާ ޚިލާފަށް ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމާފައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާ މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް ސާބިތުވާ ކަމަށެވެ.

ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުގެ ކުރިން، 250،000 ރުފިޔާ އިން ޖޫރިމަނާކުރި އެވެ. އަދިި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ފަހުން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި އެވެ. އެހެންކަމުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ޖުމްލަ 1.75 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް