ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ ހިއްސާ ގަންނަން، ޗައިނާގެ ކުންފުންޏަކާއި އެމެރިކާ ކުންފުންޏެއް ގުޅިގެން މަސައްކަތް ފަށައިފި އެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 2013 ވަނަ އަހަރު ބްލެކްސްޓޯން ކުންފުނިން ގަނެފައިވާއިރު، އެކުންފުނީގެ މައިނޯރިޓީ ހިއްސާ އޮންނަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޯލްޑިންގްސް ގެ އެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކުމާ ގުޅޭ ގޮތުން ބްލެކްސްޓޯން އާއި ކުންފުނިތަކަކާ މެދު މަޝްވަރާތައް ކުރިއަށް ގެންދާކަން ހާމަވީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ވިޔަފާރީގެ މުއާމަލާތްތަކުގެ ހަބަރުތައް ގެނެސްދޭ ބްލޫމްބާގް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓީއެމްއޭގެ ހިއްސާ ގަންނަން ޗައިނާގެ ޓެންފަސް ގްރޫޕް ކޯ އާއި އެމެރިކާގެ ބެއިން ކެޕިޓަލް އެލްޕީން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބިޑް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާގެ އަގަކީ އެއް ބިލިއަން ޑޮލަރު ކަމަށް މީގެ ކުރިން ބްލޫމްބާގް އިން ރިޕޯޓް ކޮށްފައިވީ ނަމަވެސް، ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މެޖޯރިޓީ ހިއްސާގެ އަގަކީ 500 މިލިއަން ޑޮލަރެވެ.
މީގެ ކުރިން ބްލޫމްބާގް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓީއެމްއޭގެ ހިއްސާ ގަތުމަށް ޗައިނާގެ ޒޮންޝެން ގްރޫޕުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ހިއްސާ ވިއްކާލުމާ ގުޅޭ ގޮތުން ޓީއެމްއޭ އާއި ބްލެކްސްޓޯން އިން ވެސް މިހާތަނަަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް 48 ބޯޓު ބޭނުންކުރެ އެވެ. 2014 ވަނަ އަހަރުން ފެށިގެން ފާއިތުވި ކޮންމެ އަހަރަކު އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ލިބިފައިވަނީ ޓީއެމްއޭއަށެވެ.
ޓީއެމްއޭ އިން 60 އަށް ވުރެ ގިނަ ރިސޯޓަށް ފަތުރުވެރިން އުފުލައިދޭއިރު، އަހަރެއްގެ މައްޗަށް ޖުމްލަ 960،000 އަށް ވުރެ ގިނަ މީހުން އެ ކުންފުނީގެ ބޯޓްތަކުގައި ދަތުރުކުރެ އެވެ.